ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސައި، ވަގުތީ ނައިބު ރައީސުންނަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހަމަޖައްސައިފިއެވެ.
ޕީއެންސީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ވަނީ ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައިފައެވެ. 40 މެމްބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީ އެކުލަވާލާފައިވަނީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރިވި 375 މަންދޫބުގެ އިއްތިފާގުންނެވެ. އެ ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީގައި ހިމެނޭ އިތުރު މެމްބަރުންގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.