ރިފާ ހަލީލު
ހދ. ކުޅުދުއްފުށިން މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި ރަހީނު ކޮށް އަނިޔާ ކުރުމުގެ ސަބަބުން ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްްރާހިމް ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން ވަން އަށް އިއްޔެ މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ފިރިހެނެކާއި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ރަހީނު ކޮށް އޭނާ އެރުވި ކާރު ކަމަށް ބުނާ ކާރެއްވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އުމުރުން 29 އަހަރުގެ އަހުމަދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ބޮލިގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. ނަމަވެސް ސިކުނޑި ދުޅަވެފައިވާތީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.
އަހުމަދަށް އަނިޔާކޮށްފައި ވަނީ ކާރަކަށް އަރުވައިގެން ކުުދުއްފުށީ ފުއްޓަރާ ވީ ފަޅިޔަށް ގެންގޮސް ފަޅު ހިސާބުގަ އެވެ. އަދި އޭނާއަށް އަނިޔާކޮށް އެ ސަރަހައްދަށް އެއްލައިލުމުން ތެދުވެ އަމިއްލަޔަށް ހިނގާފައި ގޮސް އެހީއަށް އެދުނީ މީހުން ދިރިއުޅޭ ހިސާބަށް ގޮސް ގެއެއްގެ ދޮރުގައި ޓަކި ޖަހައިގެންނެވެ.