އެމްއެންޑީއެފް

ކެމިކަލް ރައްކާކުރާ ގުދަންތައް ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ސިފައިން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

މާލެ ސަރަހައްދުގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިއަދު ފެށި މި ޕްރޮގްރާމްގެ ދަށުން ގުދަން ހަދާފައިވާ ގޮތާއި ގުދަނުގައި ކެމިކަލް ރައްކާކޮށްފައިހުރި ގޮތާއި އެތަނުގެ ތެރޭގައި ކަރަންޓް ވަޔަރުކޮށްފައި ހުރީ ރައްކާތެރިގޮތުގައިތޯ ބެލުމާއި އިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލައި ފާސްކުރަމުން ގެންދާނެއެވެ.

މީގެ އިތުރުން އެފަދަ ގުދަންތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިހުރި މިންވަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަލިފާން ނިވާ އާލާތްތައް ހުރިތޯ ވެސް ބަލައިފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޑީއެފުން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ރާއްޖެ އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ 126 ގުދަނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމަކީ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.