އެމްއެންޑީއެފް

ބާރަ މީހުންނާއެކު މަހަށް ފުރި ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދަންފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ބާރަ މީހުންނާއެކު މަހަށް ފުރި ދޯންޏެއްގެ ހަބަރެއް ނުވުމުން، ކޯސްޓްގާޑުން ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:22 ގައި ކަމަށެވެ.

12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށާއި ދޯންޏާއި ބެހޭ މައުލޫމާތެއް ލިބޭތޯ ބަލައި ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އެދިފައިވެއެވެ.

އަދި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް، ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުމަށްވެސް އިލްތިމާސްކޮފައިވެއެވެ.