ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕީއެންސީން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

އިބްރާހިމް ޒަކީ

ޕީއެންސީއިން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އިލެކްޝަނުން މިއަދު ބަލަން ފަށާފައި ވަނީ ޕީއެންސީ އުފެއްދުމުގެ މަރުހަލާގައި ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނާ މައްސަލަ އެކެވެ.

"އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ އެފަދަ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެ ކަމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެންބަރުން ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ޕީއެންސީން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފެށި އިރު، އެ ޕާޓީ އުފެއްދުމަށް ޓަކައި ފުރިހަމަ ކުރާން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ހުއްދަ އީސީން ވަނީ އެ ޕާޓީއަށް ދީފަ އެވެ. އަދި އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.

އަކްރަމް ވިދާޅުވީ ބަލަމުން އަންނަ މައްސަލައާ ގުޅިގެން ޕީއެންސީ އުފައްދަން ބާއްވަން ނިންމާފައިވާ ޖަލްސާއަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންގައި ކުރިއަށްދާ މަރުހަލާ ތަކުގައިވެސް ވަނީ ތަފާތު މައްސަލަތައް ދިމާވެފަ އެވެ. އެގޮތުން 3000 މީހުން ހަމަ ކުރުމަށް އިލެކްޝަނަށް ހުށަހެޅި ފޯމުތަކުގައި ގިނަ މައްސަލަތަކެއް ހުރެގެން އިލެކްޝަނުން ކުރިން ފާހަގަ ކޮށްފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ، އެ ފޯމުތަކުގެ ތެރޭގައި ޕީޕީއެމްގެ މެންބަރުކަމަށް ވުމަށް އެދި ހުށަހަޅާފައިވާ ބައެއްގެ ފޯމުތައް ހިމެނުނު މައްސަލައެކެވެ.