ހޮލީވުޑް

އޭން ހެތަވޭ އާއި ޖޫލީ އެންޑްރޫސް އާއެކު ޕްރިންސަސް ޑައިރީސް 3 އަންނަނީ

މަގުބޫލު ހައި ސްކޫލު ފިލްމެއް ކަމަށްވާ ޕްރިންސަސް ޑައިރީސްގެ ތިން ވަނަ ބައިގެ މަސައްކަތް ފެށިފައިވާ ކަމަށާއި އޭގައި ޖޫލީ އެންޑްރޫސްވެސް ފެނިގެން ދާނެ ކަމަށް ފިލްމުގެ ލީޑް ތަރި ބުނެފިއެވެ.

އޭން ހެތަވޭ "ވޮޗް ވަޓް ހެޕަންސް ލައިވް" ޝޯއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ސްކްރިޕްޓް ލިޔެފައިވާ ކަމަށާއި، އޭން އާއި ޖޫލީވެސް ތިބީ ފިލްމުގެ ޝޫޓިންއަށް ތައްޔާރަށް ކަމަށެވެ.

ޕްރިންސަސް ޑައިރީސް ފުރަތަމަ ނެރެފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ފިލްމުގެ ދެވަނަ ބައެއް ވަނީ ރިލީސްކޮށްފައެވެ.

ފިލްމުގެ ޑައިރެކްޓަރު ގެރީ މާޝަލް ބުނި ގޮތުގައި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ މެންހެޓަންގައެވެ. ގެރީ ޑައިރެކްޓް ކޮށްފައިވާ މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ޕްރިޓީ ވުމަން" އަދި "އަ ލީގް އޮފް ދެއާ އޯން" ހިމެނެއެވެ.

އޭންގެ އަދި ގެރީ ވެސް ޕްރިންސަސް ޑައިރީސް 3 ރިލީސް ކުރާ ތާރީހު ހާމަކޮށްފައެއް ނުވެއެވެ.