ހިލާފަތެއް އިއުލާން ކުރުމަށްފަހު މެދު އިރުމަތީގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން, އިސްލާމިކް ސްޓޭޓުން މުސިންބީގައި ގާއިމުވެ, އެ ޖަމާއަތުގެ ހަރަކާތްތައް އަލުން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސެންޓާ އޮފް ޕޮލިޓިކަލް އެންޑް ފޮރިން އެފެއާސްގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓަރު އަދި ޕޮލިޓިކަލް ކޮންސަލްޓެންޓް ކެލީ އަލްހޫލީ ވިދާޅުވި ގޮތުގައި, މިވަގުތަކީ އައިއެސް އިން މެދުއިރުމަތީގައި ގާއިމުވެ, ހިންގަދަ އަމަލުތަކާ ހިލާފަށް, ސިއްރިއްޔާތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެކެވެ. އަދި މުސިންބީގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި އެފަދަ ކަމަކަށް ގާބިލުކަން ނެތުމަކީ އެ ޖަމާއަތް އަލުން ހަރަކާތްތެރިވާން ލިބިގެންދާނެ ފައިދާއެއް ކަމަށް ބުންޏެވެ.
އެގޮތުން ފްރާންސްގެ ތެޔޮ ނަގާ ކުންފުންޏެއް ކަމަށްވާ, ޓޯޓަލް އިން މުސިންބީގެ ކާބޯ ޑެލަގަޑޯގައި ކުރިއަށް ގެންދަން ނިންމި 20 ބިލިއަން ޑޮލަރުގެ ގޭސް ޕްރޮޖެކްޓު, އެގައުމުގެ ސަރުކާރުގެ ނާގާބިލުކަމާއެކު ކުރިއަށް ނުގެންދަން ވަނީ ނިންމައިފައެވެ.
އެ ޕްރޮޖެކްޓުގެ އިތުރުން ވެސް ކާބޯ ޑެލަގަޑޯގައި ކުރިއަށް ގެންދަން ނިންމާފައިވާ ތިން މެގަ ގޭސް ޕްރޮޖެކްޓެއްވެސް ހުއްޓާލާނެ ކަމަށް ބެލެވެއެވެ.
އޭގެ އިތުރުން އެގައުމުގައި އިތުރުވަމުން އަންނަ އިސްލާމީ ޓެރަރިޒަމާ ދެކޮޅަށްވެސް އެގައުމުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.
އެގޮތުން މުސިންބީގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިވާ އަލް ޝަބާބުގެ ހަނގުރާމަވެރިން ދަނީ އެގައުމުގައި އަތްގަދަކޮށް, ތަރައްގީއަށް ހުރަސް އަޅަމުންނެވެ. އެކަމުގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށްވެސް ކުރާނެ ކަމަށް އޮތީ ބެލެވިފައެވެ. އޭގެ ތެރޭގައި މަލާވީ, ތަންޒޭނިއާ އަދި ސައުތު އެފްރިކާ ހިމެނެއެވެ.
މީގެ އިތުރުން މުސިންބީގައި އިސްލާމިކް ޓްރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުގެ އަތުގައި އެކަށީގެންވާ ވަސީލަތާއި ތަމްރީނުވެސް ލިބިފައެއް ނުވެއެވެ.
ކެލީ އަލްހޫލީ ވިދާޅުވީ, މުސިންބީގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބައި ފަގީރުންގެ ގޮތުގައި ތިބި އިރު, އަދި އެމީހުންނަށް ވަޒީފާއެއް ނުލިބުމާއި ކިޔެވޭނެ ގޮތެއް ނެތުމަކީ އެގައުމުގެ މުޖުތަމައު ހަރުކަށި ފިކުރަށް ލަންބުވައި, އެމީހުންގެ ބާރު އިތުރުކުރުމަށް ވިސްނާނެ ކަމަކެވެ.
އަދި ކާބޯ ދެލަގަޑޯއަކީ ހަތިޔާރާއި ވަކަރު އަދި ރޫބީސްގެ އިތުރުން ހެރޮއިން ބްލެކް މާކެޓްތަކަށް ޓްރެފިކްކުރާ ރޫޓެއްކަމުން އެއީވެސް އައިއެސްއަށް ލިބޭނެ އެއް ފައިދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެލީ އަލްހޫދީ ވިދާޅުވީ, އައިއެސް އިން އަލުން އަނބުރާ އައުމުގެ ފުރުސަތު ނުދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މުސިންބީގެ ސަރުކާރަށް ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވަން ޖެހޭ ކަމަށެވެ. އަދި މުސިންބީގެ ތެރޭގައި އޮތް ޓްރެފިކް ނެޓްވޯކްތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.