ދުނިޔެ

އިސްރާއީލުން މީޑިއާތަކަށް ދިން ހަމަލާ ކުށްވެރިކޮށް ތަހުގީގު ކުރަން ބައިނަލް އަގުވާމީ މީޑިއާތަކުން ގޮވާލައިފި

އިސްރާއީލުން ހުއްޓުމެއް ނެތި ދެމުން އަންނަ ހަމަލާތަކަށް މިއަދަށް ހަ ދުވަސް ވެފައިވާއިރު ހަމަލާތައް ހުއްޓާލުމުގެ ކުޑަވެސް އަލިމަގެއް ނުފެނެއެވެ. ފަލަސްތީނުގެ ނިކަމެތި އާއްމުންނާއި ކުޑަކުދީންނަށް ބެލުމެއްނެތި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު މިއަދު މިވަނީ ހަބަރުތައް ގެނެސްދޭ މަގުތައް ވެސް ބަންދުކުރުމުގެ ނިޔަތުގައި އިސްރާއީލުން ބައިނަލް އަގުވާމީ މީޑިއާތަކުގެ އަޑު ކަނޑުވާލުމަށް އަމާޒު ހިފާފައެވެ.

މިއަދު އިސްރާއީލުން ދީފައިވާ ވައިގެ ހަމަލާތައް ބައިނަލް އަގުވާމީ މީޑިއާ އޮފީސްތައް ހިންގާ އިމާރާތްތަކަށް އަމާޒުކޮށްފައިވާއިރު ސުންނާފަތިކޮށްލި އިމާރާތުގައި އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގެ އިތުރުން އެހެން ބައެއް އޮފީސްތައްވެސް ހުރެއެވެ. އަދި ބައެއް މީހުން ދިރިއުޅޭ އެޕާޓްމެންޓުތައް ވެސް އެ އިމާރާތުގައި ހުރެއެވެ.

ނޫސްވެރީން ހިމާޔަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއިން މިވަނީ މިހަމަލާއާ ގުޅިގެން މީޑިއާގެ އިމާރާތްތަކަށް ހަމަލާ އަމާޒު ކުރި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގަކަށް ގޮވާލައި މިއީ ބައިނަލްއަގުވާމީ ގާނޫނަކަށް އަރައިގަނެފައިވާ އަމަލަކަށް ވެދާނެ ކަމުގައި ބުނެފައެވެ.

އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޖޯއެލް ސިމަންސް ނެރެފައިވާ ބަޔާނެއްގައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ގަސްދުގައި ދީފައިވާ މިހަމަލާއަކީ ގާޒާގެ ހާލަތު ދުނިޔެއަށް ދައްކައިދިނުމުގެ މަގު ބަންދުކުރުމަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

މި އިމާރާތަށް ހަމަލާދިނުމުގެ ސަބަބަކަށް އިސްރާއީލުން ދައްކާފައިވާ ބަހަނާއެއްގެ ގޮތުގައި ހަމާސް ޖަމާއަތުން މީޑިއާތައް ނިވާފަތްގަނޑަކަށް ހެދުމަށް މަސައްކަތްކޮށް ރައްކާތެރިކަން ހޯދާކަމުގައި ބުނެފައިވާއިރު އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އެމެރިކާގެ ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ މީޑިއާތަކާއި ނޫސްވެރީންނަށް ލިބެން ޖެހޭ ރައްކާތެރިކަން ދިނުމަށް ސީދާ އިސްރާއީލާއި ވާހަކަ ދެކެވިފައި ވާނެ ކަމަށެވެ.

އިމާރާތަށް ހަމަލާ އަމާޒުވާނެކަމުގެ އިންޒާރު ލިބުނެއްކަމަކު އަލްޖަޒީރާއިން ވަނީ އެންމެ ފަހުވަގުތާ ހަމައަށްވެސް ގާޒާގައި ހިނގަމުންދާ ކަންކަން ބްރޯޑްކާސްޓުކުރުމުގެ މަސައްކަތް ކޮށްފައެވެ. ނޫސްވެރީން އެމީހުންގެ އަގުހުރި ކެމެރާ ފަދަ ތަކެތި ސަލާމަތް ކުރުމަށް 10 މިނިޓަށް ހަމަލާތައް ފަސްކޮށްދިނުމަށް އެ އިމާރާތުގެ ވެރިފަރާތުން އެދެމުންދާ ވީޑިއޯއެއް ފެނިގެންދެއެވެ.

އިމާރާތުގެ ވެރިފަރާތް ކަމަށް ވާ ޖައްވާދު މަހުދީގެ މި އާދޭހަށް ބީރު ކަންފަތެއް ދީ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާތީ، އުމުރު ދުވަހު ކުރި މަސައްކަތާއި ހަނދާންތަކާއި ހަޔާތުގެ ބޮޑުބައެއް އިސްރާއީލުން ހަލާކުކޮށްލައިފި ކަމުގައި އޭނާ ބުނެފައި ވެއެވެ.