ދުނިޔެ

ގާޒާގައި ހުންނަ އަލްޖަޒީރާ އަދި އޭޕީގެ އޮފީސް އިމާރާތް ބިމާ ހަމަކޮށްލައިފި

އަލީ އަފާފު ރަމީޒު

ފަލަސްތީނުގެ ގާޒާގައި ބައިނަލްއަގުވާމީ މީޑިއާތަކުގެ އޮފީސްތަކެއް ހުންނަ އިމާރާތަކަށް އިޒްރޭލުން ވައިގެ ހަމަލާއެއް ދީ ބިމާ ހަމަކޮށްލައިފިއެވެ.

އިޒްރޭލުން މިސައިލުގެ ހަމަލާއެއް ދީ ބިމާ ހަމަކޮށްލާފައިވާ އެ އިމާރާތުގައި އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގެ އިތުރުން އެހެން ބައެއް އޮފީސްތައްވެސް ހުރެއެވެ. އަދި ބައެއް މީހުން ދިރިއުޅޭ އެޕާޓްމެންޓުތައްވެސް އެ އިމާރާތުގައި ހުރެއެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމެއް ސާފެއް ނުވެއެވެ.

އެގާރަ ބުރީގެ އެ އިމާރާތަށް މިސައިލު ހަމަލާ ދިނުމުގެ އެއް ގަޑިއިރު ކުރިން އިޒްރޭލުގެ އަސްކަރިއްޔާއިން އެތަނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އަލް ޖަޒީރާގެ މުވައްޒަފެއް ކަމަށްވާ ސޮފްވަތު އަލް ކަހުލޫތު ބުނިގޮތުގައި އެކަމުގެ އިންޒާރު ލިބުނު އިރު، އޭނާ ހުރީ އެ އިމާރާތުގައެވެ. ސާމާނު ނެރުމަށް މާގިނަ ވަގުތުތަކެއް ނުލިބުނު ނަމަވެސް، އިމާރާތުން ބޭރަށް ނެރެވެން ހުރި ސާމާނެއް އަވަހަށް ނެރެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭޕީގެ ރައީސް އަދި ސީއީއޯ ގެރީ ޕްރުއިޓް ވިދާޅުވީ މި ހަމަލާގައި އެ އޭޖެންސީގެ ބަޔަކު މަރު ނުވީ ކިރިޔާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ގާޒާގައި ހިނގަމުންދާ ކަންކަން ދުނިޔެއަށް އަންގައިދެވޭ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިޒްރޭލުން މިއަދު ވަނީ ޝާތީ ރެފިއުޖީ ކޭމްޕުގައި އާއިލާއަކުން ދިރިއުޅޭ ތިން ބުރީގެ ގެޔަކަށްވެސް ހަމަލާދީފައެވެ. އެ ހަމަލާގައި އެ އާއިލާގެ އަށް ކުދިންނާއި ދެ އަންހެނުން މަރުވިއެވެ.

އިޒްރޭލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި މިހާތަަނަށް ފަލަސްތީނުގެ 140 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 39 ކުޑަކުދިންނާއި 22 އަންހެނުން ހިމެނެއެވެ. އަދި 950 މީހުން ވަނީ ޒަހަމްވެފައެވެ.

ހަމާސްއިން އިޒްރޭލަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ނުވަ މީހަކު ވަނީ މަރުވެފައެވެ.