ގދ. ގައްދޫ

ގައްދޫ އަންހެނަކު މަގުމަތީގައި ހުރެ އަމިއްލައަށް ގައިގައި ރޯކޮށްލައިފި

1

ގދ. ގައްދޫ އަންހެނަކު މަގުމަތީގައި ހުރެ އަމިއްލައަށް ގައިގައި ރޯކޮށްލައިފި އެވެ. "ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުގެ ވަގޮތެއްގަ އެވެ.

ގައްދޫން ވާހަކަދެއްކި މީހަކު "ވަން އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ގައިގައި ރޯކޮށްލީ އެރަށު ގުލްޒާރުވާދީ، އައިމިނަތު ތައުފީގު އެވެ.

ވަން އޮންލައިނަށް މައުލޫމާދިން މީހާ ބުނި ގޮތުގައި އެ އަންހެން މީހާ ގައިގައި ރޯކޮށްލީ ގޭތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކަކާ ގުޅިގެންނެވެ.

"ގޭތެރޭގަ ހުރެފަ ރުޅިއިސްގެން ބޭރަށް ނިކުތީ ވެސް ގަޔަށް ސާފުތެޔޮ އަޅައިގެން ކަމަށް ވަނީ. ބޮޑު މަގަށް ނިކުމެ ރޯކޮށްލީ. އެއީ އިއްޔެ ހަވީރު. ރޯކޮށްލި އިރު ކައިރީގަ ކުޑަކުއްޖެއް އުރައިގެން އޭނަގެ ޅިޔަނުވެސް ހުރި. އެކަމަކު ކުއްލިއަކަށް ރޯކޮށްލީމަ ވަގުތުން މުޅިގައިގަ ހުޅުރޯވެ އެނދީ. ދެން ޅިޔަނު ވެސް ހަނދާން ނެތިގެން އަތުގަ އޮތް ކުއްޖާވެސް އެއްލައިލާފަ އޭނަ ސަލާމަތްކުރަން އުޅުނީ." ވަން އަށް މައުލޫމާތުދިން މީހާ ބުންޏެވެ.

އޭނާ ބުނީ ރޯވުމުން އެ އަންހެން މީހާ ދުވަމުންގޮސް ވަނީ ކައިރީގައި ހުރި ގެޔަކަށް ކަމަށާއި ގިނަ ބަޔަކު ވެގެން އޭނާގެ ގައިގައި އެއްޗެހި އޮޅައި އަލިފާންގަނޑު ނިއްވައިލީ ކަމަށެވެ.

"ނިއްވައިލެވުނު އިރު ލައިގެން ހުރި ހުރިހާ އަންނައުނެއް ވަނީ އެއްކޮށް އަނދައި ހުލިވެފަ." އެމީހާ ބުންޏެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑު 80 ޕަސެންޓު ވަނީ ފިހިފަ އެވެ. ގައްދޫ ހޮސްޕިޓަލުން ފަރުވާދިނުމަށް ރޭގެ ވަގުތެއްގައި އޭނާ ވަނީ ތިނަދޫ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި ތިނަދޫ ހޮސްޕިޓަލުން މިހާރު އަންނަނީ މާލެއަށް ފޮނުވުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟