ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ހުއްދަ ބާތިލުކޮށްފާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދު، އިސްލާހުތަކަކާއެކު މިއަދު ވަނީ ގެޒެޓުކޮށްފައެވެ. އެ އިސްލާހުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޕީއެންސީގެ ހުއްދަ ބާތިލު ކުރެވޭނެ ފުރުސަތު ބޮޑެވެ.
ޕާޓީގެ އުދެއްދުމަށް ދީފައިވާ ހުއްދަ ބާތިލްކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންދަނީ ރަޖިސްޓަރީކުރެވި ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތައް ނުވަތަ މުވައްޒަފުން ބޭނުންކޮށްގެންކަން ނުވަތަ އެ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސް ފަރާތެއް ނެތުމުގެ ސަބަބުން އެ ޕާޓީއެއްގެ ހިނގުން ހުއްޓިގެން ހިނގައިދާނެ ފަދަ ގޮތަކަށްވުން ހިމެނެއެވެ.
ޕީއެންސީގެ އޮފީހެއްގެ ގޮތުގައި ވެސް ބޭނުންކުރަމުންދަނީ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ މައި އޮފީސް ހ. ހުރަފައެވެ. ޕީއެންސީގެ މަސައްކަތްތަކާއި މެމްބަރުން ސޮއިކުރުމުގެ ކަންކަން ވެސް އެ އޮފީހުގައި ކުރިއަށްދެއެވެ.
އެ އިސްލާހު ގެޒެޓުކޮށްފައި މިވަނީ ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ދުވަހުއެވެ. އީސީން އެ ހުއްދަ ދިނުމާއެކު އަންނަ އާދީއްތަ ދުވަހުގެ ރޭ، އެ ޖަލްސާ ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.