ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނީ މިއަދުއެވެ. އެކަން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވަނީ ޔަގީންކޮށްދެއްވައިފައެވެ.
އީސީން ޕީއެންސީ އުފައްދަން ހުއްދަ ނުދީ ހިފަހައްޓަނީ ޒާތީ ގޮތުން ކަމަށް ވިދާޅުވެ އަބްދުއްރަހީމް އިއްޔެ ވަނީ އީސީގެ މެންބަރު ހަބީބުއަށާއި އެކޮމިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.