މޯލްޑިވްސް މީޑިއާ ކައުންސިލް

ދީނާއި ގައުމިއްޔަތު އިސްކޮށްގެން ނޫސްވެރިކަން ކުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ދީނާއި ގައުމިއްޔަތު އިސްކޮށް، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާއި މުޖުތަމައުގެ އަޚުލާގީ މިންގަނޑާއި ޚިލާފު ލިޔުންތަކާއި، ފިތުނަފަސާދައާއި ނަފުރަތުގެ ޝުއޫރުތައް އުފެދެން މަގުފަހިވާ ގޮތަށް ބައެއް މީޑިއާތަކުން މައުުލޫމާތު ހާމަކުރާކަމުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އަދި އެފަދަ ކަންކަމަކީ އެކައުންސިލާއި މީޑިއާގެ މުޅި އާއިލާއިން ނަގަހައްޓައި މަސައްކަތްކުރަމުން އަންނަ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރު އަމަލެއް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ވަކި އިންތަކެއްގެ ތެރެއިން ކަމަށާއި މިނިވަން ނޫސްވެރިކަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި އެކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ ލިޔުންތައް ޝާއިއު ކުރުމެގެ އާޚިރު ނަތީޖާއަށް ވެގެން ދާނީ ގައުމުގެ އަމަންއަމާންކަން ގެއްލި، ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް ގައުމު ހުށަހެޅިގެން ދިއުންކަމަށް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.