7.5 މެގްނެޓިއުޑްގައި އިންޑޮނޭޝިއާއަށް އައި ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ހާމަކުރެއެވެ. އިންޑޮނޭޝިއާގެ ސުލަވެސި އައިލެންޑުގެ ޕަލޫ އަދި ޑޮންގަލާ ސަރަހައްދަށް އެރި މި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މަރުވި މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު އެހީގެ ގޮތުގައި އެސަރަހައްދަށް ފޮނުވި ތަކެތި ހުސްވެ ދެލައްކަ އަށްވުރެން ގިނަމީހުން ހާލުގައި ޖެހިފައިވާކަމަށް އދ އިން ހާމަކުރިއެވެ. އަސާސީ ހިދުމަތްތައް މުޅިން ހުއްޓިފައިވާއިރު އެސަރަހައްދުގެ އާންމުން ދަނީ ފެނާއި ކާބޯތަކެތި ހޯދުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންނެވެ.
އެއްބަޔަކު ރުޅިގަދަވެ ފިހާރަތައް ލޫޓުވަމުން ދާއިރު މިކަންކަން ހުއްޓުވުމަށް އެގައުމުގެ ސިފައިން އިންޒާރުދީ ކަރުނަ ގޭސް ބޭނުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ސިފައިން މައުލޫމާތު ދެމުން ބުނީ ހާލުގައި ޖެހިފައިވާ މީހުން ބަންދުކޮށްފައި ހުންނަ ފިހާރަތަކުން ވެސް ފެނާއި ކާބޯތަކެތި ނެގުމަށް ހުރަސް އަޅާފައި ނުވި ނަމަވެސް ފަހުން ފިހާރަތަކަށް މީހުން ވަދެ ކޮމްޕިއުޓަރުތަކާއި ފައިސާ ވަގަށް ނަގަން ފެށުމުން ހަރުކަށި ފިޔަވަޅު އެޅީ ކަމަށެވެ. އަދި ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ސިފައިން މައުލޫމާތު ދެއެވެ.
އިންޑޮނީޝިއާގެ ޕޮލިސް ޗީފް މީޑިއާއަށް މަޢުލޫމާތުދެމުން ބުނީ ސުނާމީއަށްފަހު ފުރަތަމަ އަދި ދެވަނަ ދުވަހު ފިހާރަތައް ނުހުޅުވާ ކަމަށް ނަމަވެސް ދެ ދުވަސްފަހުން ވަނީ އެހީގެ ތަކެތި ލިބި އާންމުންނަށް ހަވާލު ކުރެވިފައެވެ. އެހެންކަމުން އެހީނުލިބޭ ކަމަށް ބުނެ ތަންތަން ލޫޓުވުމަށް ފުރުސަތު ނުދޭނޭ ކަމަށް ޗީފް މައުލޫމަތު ދިނެވެ.
ގެއްލުން ލިބުނު ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާއިރު ބައެއް ހިސާބުތަކުގައި އާންމު ހިދުމަތްތަށް ދޭން ފަށާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭޓީއެމްތަކާއި ޕެޓްރޯލް ޝެޑްތައް ވެސް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ.