މީގެ ފަސް ދުވަސް ކުރިން އިންޑޮނޭޝިއާގެ ސުލަވެސި އައިލެންޑަށް ބިންހެލުމެއް އައިސް ސުނާމީ އަރައި 1300 އަށް ވުރެ ގިނަ މީހުން މަރުވިތާ ހަފުތާއެއް ނުވަނީސް، ހަމަ އެރަށުގައި ހުންނަ އަލިފާން ފަރުބަދައެއް މިއަދު ގޮވައިފި އެވެ.
ސުލަވެސީ ގައި ހުންނަ މައުންޓް ސޮޕްޓަން ގޮވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް މި ފަރުބަދަ ގޮވުމުން އިތުރު ގެއްލުމެއް ލިބިފައިވާކަމަށް މިހައިތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނިގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ އިންޒާރުގެ މިންގަނޑު މިހާރު ހުރީ ތިނެއްގައެވެ. އެހެންކަމުން މި ފަރުބަދައިގެ ހަތަރު ކިލޯ މީޓަރު ކައިރީގައި ދިރިއުޅޭ މީހުން ގޭތެރޭގައި ތިބުމަށް އެ އެޖެންސީން ލަފާދެއެވެ.
މި ފަރުބަދައިގެ ދުންތައް މިހާރު މިސްރާބު ޖަހާފައި ހުރީ އެރަށުގެ ވެސްޓް އަދި ނޯތް ވެސްޓަށެވެ. އެހެން ކަމުން ފްލައިޓް ތަކަށް ބުރުނާރާ އޮޕަރޭޝަންތައް ކުރިއަށް ދާކަމަށް ސެންޓަރ ފޯ ވޮލްކޮނޮލޮޖީ އެންޑް ޖިއޮލޮޖީ ހަޒާޑް މިޓިގޭޝަނުން މައުލޫމާތު ދެއެވެ. އިންޑޮނޭޝިއާގެ ސަމް ރަތުލަންގީ އިންޓަރނޭޝަނަލް އެއަރޕޯޓް ހުންނަނީ ސައުތް ވެސްޓްގައެވެ. މީގެ އިތުރުން ރައްޔިތުން މާސްކް އަޅައިގެން އުޅުމަށް ވެސް ވަނީ ލަފާދީފަ އެވެ.
ކުރިއެކޭ ވެސް އެއްފަދައިން އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް ޕައިލެޓުން ވޮލްކެނޯގެ ދުމަށް ސަމާލުކަން ދޭން ވަނީ އަންގައިފައެވެ. މި ދުމަކީ ފްލައިޓްތަކުގެ އިންޖީނަށް ވަރަށް ނުރައްކާތެރި ދުމެކެވެ.