މުހައްމަދު އައުޒަމް
އިންޑިއާގެ ޕޫނޭއަށް އުފަން އުމުރުން އެންމެ 12 އަހަރުގެ ހާޒިގް ކަޒީ މިވަނީ ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ބޭނުންކުރާނެ ބޯޓެއް ޑިޒައިންކޮށްފައެވެ.
ހާޒިގް ޑިޒައިން ކުރި ބޯޓަށް އޭނާދިން ނަމަކީ 'އަރވިސް' އެވެ. ހާޒިގް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެންމެ ޝައުގުވެރިވާ އެއްކަންތައް ކަމަށްވާ ޑޮކިއުމެންޓްރީ ބެލުމުގެ ތެރޭގައި އަބަދުވެސް ފެންނަނީ ކަނޑަށް ކުނިއެޅި އަދި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ނުރައްކާތެރިކަންކަން ކަމަށާއި މިކަމުން ކަނޑު ރައްކާތެރިކުރުމަކީ މުހިންމު ކަމެއްކަމަށް ފެނުނީ ކަމަށެވެ.
ހާޒިގް ބުނީ އޭނާއަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ އަހަރުމެން ކެއުމުގައި މިބޭނުން ކުރާ މަސްތައްވެސް ޕްލާސްޓިކް ކާނެ ކަމަށާއި އޭގެ ސަބަބުން އިންސާނުންނަށް ވެސް އެމަސް ކެއުމުން ގެއްލުން ލިބޭނެ ކަމަށް އޭނާއަށް ވިސްނިގެން 'އަރވިސް' ހެދުމުގެ ހިޔާލު އައީ ކަމަށެވެ.
'އަރވިސް' މަސައްކަތް ކުރާ ގޮތް ކިޔައިދެމުން ހާޒިގް ބުނީ މި ބޯޓުގައި ހަރުކޮށްފައި ހުންނަ މެޝިނަކުން ކަނޑުން ލޮނުނަގައި ސާފުކުރުމަށްފަހު ސާފު ލޮނުފެން އަނބުރައި ކަނޑަށް ފޮނުވާލާނެ ކަމަށެވެ. އަދި އޭގެން ނެގޭ ކުނިބުނި އަދި ނުސާފު ބައި ރައްކާތެރިކަމާއެކު ނައްތައިލާނެ ކަމަށެވެ.
ހާޒިގްގެ މި އީޖާދު އޭނާވަނީ މަޝްހޫރު ޓެޑްއެކްސް އަދި ޓެޑް8އަށް ވެސް ހުށަހަޅައިފައެވެ. އަދި ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ސައިންސުވެރިން ވަނީ ހާޒިގްގެ މަސައްކަތް ފާހަގަކޮށްފައެވެ.
ހާޒިގް މި ބޯޓު ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭނާގެ އުމުރުން ނުވަ އަހަރުއެވެ.