ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް 2019"ގެ ރެޖިސްޓްރޭޝަން ހުޅުވާލައިފި

މުހައްމަދު އައުޒަމް

އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް 2019"ގެ ރެޖިސްޓްރޭޝަން ހުޅުވާލައިފި އެވެ.

ވިމެންއިން މެނޭޖްމަންޓް މޯލްޑިވްސްއިން މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާއި ގުޅޭ ގޮތަށް ކަމަށް ވިމް އިން މައުލޫމާތު ދެއެވެ.

މިއީ ވިމް އިން އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް" ބާއްވާ ދެވަނަ އަހަރެވެ.

ވިމެންއިން މެނޭޖްމަންޓް މޯލްޑިވްސް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާ ކުރިމަތިވާނެއެވެ. ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިހްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ. ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ އޮބްސްޓަކަލްތަކަކީ ވެސް މިދިޔަ އަހަރެކޭވެސް އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެއެވެ.

ވިމް އިން އިތުރަށް ބުނީ މިއަހަރުގެ ރަންގައި ވެސް މިދިޔަ އަހަރެކޭ އެއްފަދައިން ދުވެވޭނީ ހަމައެކަނި އަންހެން ބޭފުޅުންނަށެވެ. އަދި މިއަހަރުވެސް ވަކި އުމުރުފުރައަކަށް ހާއްސަ ކޮށްފައި ނުވާ ކަމަށް ވިމް އިން މައުލޫމާތުދެއެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް"ގައި 5000އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަންހެނުން ބައިވެރިވި ދުވުން ކަމުގައި ވިމް އިން ފާހަގަކުރިއެވެ.

"ރަން ވިތް އަސް" 2018

"ރަން ވިތް އަސް 2019"ގެ މައުލޫމަތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވިމްގެ ހޮޓްލައިން 7946687 އިން މައުލޫމާތު ލިބޭނެއެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.