ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ސައްހަ 3000 ފޯމު ހަމަނުވެގެން އިތުރު 1100 ފޯމު ޕީއެންސީން އިލެކްޝަނަށް ހުށަހަޅައިފި

1

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އެ ޕާޓީން ހުށަހެޅި 4000 ފޯމު ތެރެއިން ސައްހަ 3000 ހަމަ ނުވާ ކަމަށް އިލެކްޝަނުން އެންގުމާ ގުޅިގެން އިތުރު 1100އެއްހާ ފޯމު އަނެއްކާވެސް ހުށަހަޅައިފި އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް އިތުރު ފޯމުތަކެއް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޗެކު ކުރުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުން އަންނަ ކަމަށާއި އެ ކަން ނިމުނު އެންމެ އަވަހަކަށް ދެން އޮތް މަރުހަލާގެ ހުއްދަ އިލެކްޝަނުން ދޭނެ ކަމަށެވެ. އެހެން ނަމަވެސް ސައްހަ ފޯމު މަދުވެގެން އިތުރު ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ކޮމެންޓެއް ކުރައްވަން އަކްރަމް ބޭނުންފުޅެއް ނުވި އެވެ.

ޕީއެންސީގެ ބޭފުޅަކު ވަން އޮންލައިންއަށް ވިދާޅުވީ ސައްހަ ނޫން ކަމަށް އިލެކްޝަނުން ބުނި 1000އަށް ވުރެ ގިނަ ފޯމާ ޕީއެންސީން އަނބުރައި ހަވާލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރަނގަޅުކޮށްފައި އަލުން އަނެއްކާވެސް ހުށަހެޅީ އެ ފޯމުތައްތޯ ސުވާލުކުރުމުން އޭނާ އެޔަށް ޖަވާބެއް ނުދެއްވި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންސީގެ ހުއްދައަށް އެދި އިލެކްޝަނަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރީގެ ޕިޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ހުސެއިން ޝަރީފު ވަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ޕީއެންސީ އުފެއްދުމުގެ މަރުހަލާއަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ގަސްދުގައި ދަތިތައް ކުރިމަތިކުރުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟