ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް

ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވައިގެން ކޮށްފައިވާ ބައެއް ޖޫރިމަނާތައް މައާފު ކުރެވޭގޮތަށް ގަވާއިދު ހަދަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކާއި، އެކި ސަބަބުތަކާ ހުރެ ލައިސަންސް ނުނަގައި އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް، ކޮށްފައިވާ ޖޫރިމަނާ މައާފު ކުރެވޭ ގޮތަށް ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކަށާއި، އެކި ސަބަބުތަކާ ގުޅިގެން

ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި މި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ، 18 އަހަރު ފުރުމުގެ ކުރިން ސައިކަލް ދުއްވުމުގެ ސަަބަބުން އަރާފައިވާ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުނެގިފައި ތިބި އެތައް ޒުވާނުންނެއް އެބަތިބި ކަމަށާއި، 18 އަހަރު ވުމަށްފަހު، ކުރިން އަރާފައިވާ ޖޫރިމަނާ ދެއްކޭނެ ގޮތެެއް ނެތިގެން ވެސް ލައިސަންސް ނުނެގި އެތައް ޒުވާނުންނެއް އަދި ލައިސަންސް ލިބުނަސް ޓްރެފިކް ވައިލެންސްތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ، ޖޫރިމަނާ އިތުރު ވުމުގެ ސަބަބުން ނުދެއްކި ލައިސަންސް ނުނެގިފައިވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ.

އެފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެގެން ދިއުމަކީ އެފަރާތްތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަން ފާހަގަ ކުރައްވައި ހަސަން ލަތީފު ވިދާޅުވީ، 2019 އަހަރު 2366 މީހުން އަދި 2020 އަަހަރު 2658 މީހުން އެގޮތަށް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 ނުފުރޭ 330 ކުދިން ހިމެނޭ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަން ޖެހި އެޖޫރިމަނާ ދެއްކޭނެ ގޮތް ނެތިފައިވާ އެތައް ބަޔަކު ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ފަރާތްތައް ކޮމިއުނީޓީ ސާވިސްގައި ބައިވެރިވާނެ ހާލަތްތަކާއި އެކަމުގައި އަމަލު ކުރެވޭ އުސޫލުތަކާއި، އެގޮތުން ކުރެވޭނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވޭނެ ތަންތަން ކަނޑައަޅައި، އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ ދައްކަން ފައިސާ އުނިކުރެވޭ ގޮތްތަކާއި އުސޫލުތަކާއި ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލުތައް ކަމާބެހޭ ގަވާއިދުގައި ހިމެނުމަށް ހަސަން ލަތީފް ވަނީ ހުށަހަޅުއްވައިފައެވެ.

ހަސަން ލަތީފު ވިދާޅުވީ، ރާއްޖޭގެ ބޮޑެތި މަހުޖަނުން އެތައް މިލިއަން ރުފިޔާއިން ކުރާ ޖޫރިމަނާތައް މައާފު ކުރެވޭއިރު ޒުވާނުންގެ އެ ކަންބޮޑުވުމަށް ހައްލު ގެނައުން މާ މުހިއްމު ކަމަށެވެ.