އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ގާނޫނުއަސާސީއށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލަކީ ހުސްވި އޭޕްރީލް މަހުގެ 23 ނުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް މި ބިލު އިއްޔެ އަނބުރާ ގެންދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ހުށަހަޅުއްވި އިސްލާހުގައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެއް ބަޔާން ކޮށްފައިވެއެވެ.
މަޖިލިސް މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައި މިހާރުވެސް ވަނީ ފާސް ކޮށްފައެވެ. ނަމަވެސް އެ ގާނޫނުގައިވެސް މެންބަރުކަމުން ވަކިވާނެ ހާލަތެއް ނޯވެއެވެ. އޮންނަނީ އެ ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތު ދިމާވުމުން އެމީހަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމެވެ.
ގާނޫނުއަސާސީގައި ވެސް އެފަދަ ހާލަތެއް ބަޔާންކޮށްފައެއް ނޯވެއެވެ. ހަމައެކަނި އޮންނަނީ މަޖިލިސް މެންބަރުކަމުގެ މަގާމު ގެއްލޭނެ ހާލަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ ގަވައިދުން އެ ދަރަނި ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބުގެ ހުކުމެއް އައުމެވެ.