ޚަބަރު

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ރައީސް ހަސަން ލަތީފު އިސްތިއުފާ ދެއްވައިފި

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު ވެސް އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން ލަތީފު ވަނީ އެކަން 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އިން އިސްތިއުފާ ދެއްވީ އެއީ މި ވަގުތަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓުގެ ގޮތުން ވާދަކުރެއްވި ހުސެން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ އޭރުގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމުވެސް ވަނީ ޑިމޮކްރެޓްސް އިން އިސްތިއުފާ ދެއްވައިފައެވެ.

އަދި ރޭގެ ވަގުތެއްގައި އެ ތިން ބޭފުޅުންވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ލަތީފުވެސް ވަރަށް އަވަހަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެއެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ހަސަން ލަތީފު އެކަން ދޮގު ކުރައްވާފައެއް ނުވެއެވެ.

ހަސަން ލަތީފަކީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އުފެދުނު ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނެވެ.