ދުނިޔެ

ދަރިފުޅު ބައިގެންދާ މީހުންނަށް ނިއުޒިލެންޑުން ހާއްސަ ޗުއްޓީއެއް ދެނީ

މުހައްމަދު އައުޒަމް

ދަރިފުޅު ބައިގެންދާ މީހުންނަށް ނިއުޒިލެންޑުން ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

އެކަމަށް އިއްޔެ ނިއުޒިލެންޑުން ގާނޫނު ފާސްކުރުމާއެކު މިވަނީ ދުނިޔޭގައި ބައިގެންދާ މީހުންނަށް ހާއްސަކޮށްގެން ޗުއްޓީއެއް ދޭ ދެވަނަ ގައުމުކަމުގައިވެފައެވެ.

އެގައުމުގެ މަސައްކަތްތެރިންގެ ތެރެއިން އެ ހާއްސަ ޗުއްޓީ ލިބޭ ފަރާތްތަކަށް ތިން ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ގާނޫނު ފާސްކޮށްފައެވެ.

ނިއުޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ލޭބާ މެމްބަރު ގިނީ އެންޑަސަން ހުށަހެޅުއްވި އެ ބިލުގެ ސަބަބުން އެހެން ގައުމުތަކުންވެސް އެފަދަ ގާނޫނުތައް ހެދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ބައިގެންދިއުމަށްފަހު ދިމާވާ ކަންކަމުން އަރައިގަތުމަށް ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިންޑިއާއިންވެސް ވަނީ އެފަދަ ގާނޫނެއްް ފާސްކޮށްފައެވެ. އެގައުމުގައި ބައިގެންދާ މީހުންނަށް ހަ ހަފުތާގެ ޗުއްޓީ ދެމުންދެއެވެ.

ނިއުޒިލެންޑު ވެފައިވަނީ 1893 ވަނަ އަހަރު އެގައުމުގައި އަންހެނުންނަށް ވޯޓުލުމުގެ ހައްގު ދިނުމުން ފެށިގެން މިއަދާ ހަމައަށް އަންހެނުންގެ ހައްގުތަކަށް ހާއްސަ ގާނޫނުތަކެއް އެކުލަވާލައި އަމަލު ކުރާ ގައުމަކަށެވެ.