ދުނިޔެ

ޕާރުސަލަކުން ވިހައެއްފެނި ޕެންޓަގަން ކުއްލިހާލަތުގައި

މުހައްމަދު އައުޒަމް

އެމެރިކާގެ ޕެންޓެގަން އަށް ލިބުނު ދެ ޕާރުސަލަކުން ނުރައްކާތެރި ވިހައެއް ފެނި މުޅި ފެންޓަގަން ކުއްލި ހާލަތަށް ގެންދަން ޖެހިއްޖެ އެވެ.

ޕެންޓަގަންގެ ޑިޕާޓްމަންޓް އޮފް ޑިފެންސް ގެ މެއިލް ޕްރޮސެސްކުރާ ބޭފުޅުންނަށް ޝައްކުވުމުން އެ ދެ ޕާރްސަލް ކަނޑައި ބެލި ބެލުމުން އޭގެން ނުރައްކާތެރި ވިހައެއް ކަމަށްވާ "ރިސިން" ވަނީ ފެނިފައެވެ. ފެނިފައިވާ ދެ ޕާރުސަލް އެޑްރެސް ކޮށްފައި ވަނީ ސެކްރެޓްރިއޭޓް އޮފް ޑިފެންސް އަދި ނޭވަލް އޮޕަރޭޝަން ގެ އެންމެ އިސް ވެރިޔާ އަށެވެ.

ޕެންޓަގަން އަށް އަންނަ ތަކެތި ބަލައި ފާސްކުރުން އޮންނަނީ ވަކި އިމާރާތެއްގައި ކަމުން މި ދެ ޕާރުސަލް ޕެންޓަގަން އެތެރެއަށް ނުވަންނަކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. ފަހުން މި އިމާރާތް ވަނީ އިތުރަށް ފާސް ކުރުމަށް ބަންދު ކޮށްފައެވެ.

"ރިސިން" އަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އެއްޗެކެވެ. ރިސިނަށް ކޮމޮނިސް ނަމަކަށް ކިޔާ ގަހެއްގައި އުފެދޭ އޮށް ފުނޑައިގެން އޭގެން އުފެދޭ ޕައުޑަރ ބޭނުންކޮށްގެން ވިހަ ކޮށްލެވޭނެއެވެ.

"ރިސިން" ކެވުމުން ނުވަތަ އިންޖެކްޝަން ބޭނުންކޮށް ހަށިގަނޑުގެ ތެރެއަށް ވަދެ ނުވަތަ ނޭވާލާ ނިޒާމުގެތެރެއިން ހަށިގަނޑަށް މި ވިހަ ވަދެއްޖެނަމަ އެމީހެއްގެ ހަށިގަނޑުގައިވާ ސެލްތަކުން އުފައްދާ ޕްރޮޓީން އުފެއްދުން ހުއްޓުވައިލައެވެ. މިކަމުގެ ސަބަބުން 6 ނުވަތަ 12 ގަޑިއިރުތެރޭގައި އެމީހެއްގެ އެތެރެހަށީގެ ގުނަވަންތައް ފޭލުވެ ހުއްޓުމަކަށް އައިސް މަރުވުން ވެސް އެކަށީގެން ވެއެވެ.