ޝަހީދާ އަބްދުﷲ ސައީދު
ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮތްކަމަށް ވިދާޅުވެ ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅޭ ހެކި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ މިއަދު ހިއްސާކޮށްފިއެވެ.
ޖޭއެސްސީއާ މިއަދު އެ މައުލޫމާތު ހިއްސާކުރައްވާފައިވާ އިރު، ޖޭއެސްސީން ވަނީ މިއަދު 2:00 އަށް އެކޮމިޝަނަށް ހާޒިރުވުމަށް ސުއޫދަށް އަންގާފައެވެ.
ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ސުއޫދު މީޑިއާގައި ވާހަކަދައްކަވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބެލުމަށް ޖޭއެސްސީގައި ކޮމެޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.
ސުއޫދުގެ ވާހަކަތަކާ ގުޅިގެން އެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކުރުމަށް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓުން ފުރުސަތު ހުޅުވާލި ނަމަވެސް އެ މައުލުމާތު ސުޕްރީމް ކޯޓާ ހިއްސާ ނުކުރާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެވެ.