ސީރިއާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ސީރިއާގެ ރައީސް ބަޝާރު އަލް އައްސަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރައީސްގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސް ބަޝާރުގެ އިތުރުން އަނބިކަނބަލުން އަސްމާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
ޕޮޒިޓިވް ވުމަށްފަހު ރައީސް ބަޝާރުގެ ހަށިގަނޑުން ކޮވިޑްގެ އަލާމާތްތައް ފެންނަން ހުރި ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް ބަޔާނުގައިވެއެވެ.
ބަޝާރުގެ އިތުރުން އަނބިކަނބަލުން މިހާރުވަނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ގޭގައި އައިސޮލޭޓްވެވަޑައިގެން ފަރުވާ ފައްޓަވާފައި ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.
ސީރިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެގައުމުގެ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ވަސީލަތްތައް މަދުވުމާއެކު އެގައުމުން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށް ސީރިއާގެ ސިއްހީ މާހިރުން ބުނެއެވެ.
ސީރިއާއިން މިހާތަނަށް ވަނީ 16042 ކޮވިޑް ކޭސް ފެނިފައެވެ. އަދި އެގައުމުން 1068 މީހުން ބަލިޖެހިގެން މަރުވެފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.