މިއަހަރުގެ ތެރޭގައި ޓައިވާނުގައި ވިޔަފާރި ތަމްސީލުކުރާ އޮފީހެއް ހުޅުވަން ލިތުއޭނިއާ އިން ނިންމައިފި އެވެ.
ލިތުއޭނިއާގެ އިކޮނޮމިކް އެންޑް އިނޮވޭޝަން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ، އެގައުމުން ޓައިވާނުގައި ހުޅުވާ އެ އޮފީހަކީ އޭޝިއާގެ އިކޮނޮމިކް ޑިޕްލޮމަސީ އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ހުޅުވާ އޮފީހެއް ކަމަށެވެ.
ވިޔަފާރި ތަމްސީލުކުރާ އޮފީހަކީ ކުންފުންޏަކުން ނުވަތަ ގައުމަކުން މާކެޓިން އަދި ވިޔަފާރިއާ ގުޅުންހުރި އެހެން އޮޕަރޭޝަންތައް ހިންގުމަށް އެހެން ގައުމެއްގައި ހުޅުވާ އޮފީހެކެވެ. އެގޮތުން ޓައިވާނަކީ އެހެން ގައުމުތަކުގެ އެމްބަސީތައް މަދު ގައުމެއް ނަމަވެސް، ޔޫރަޕިއަން ޔޫނިއަން އާއި އެ ޔޫނިއަންގެ ބައެއް މެމްބަރު ގައުމުތަކުން ޓައިވާނުގައި ވިޔަފާރި ތަމްސީލުކުރާ އޮފީސްތައް ވަނީ ހުޅުވައިފަ އެވެ.
ލިތުއޭނިއާގެ މި ނިންމުމާ ގުޅިގެން ޗައިނާއިން ވަނީ ފާޑުކިޔައިފަ އެވެ.
އެގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަޟާން ވެންގް ވެންބިން ވަނީ، ޓައިވާނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ މީހުންގެ ފައިދާ ނަގައިގެން ކަންކަން ނުކުރުމަށް ލިތުއޭނިއާއަށް ގޮވާލައިފަ އެވެ. އަދި ލިތުއޭނިއާ އާއި ޗައިނާއާ ދެމެދު އޮންނަ ސިޔާސީ އިތުބާރަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެދިފައިވެ އެވެ.
ޗައިނާ އިން ދެކެނީ ޓައިވާނަކީ އެ ގައުމުން ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގަ އެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ. އަދި ޓައިވާނުން މިނިވަންކަން ހޯދަން މަސައްކަތް ކުރުމުގެ މާނައަކީ ހަނގުރާމަ ކަމަށް ޗައިނާ އިން މީގެ ކުރިން ވަނީ އިންޒާރު ދީފަ އެވެ.