އިސްލާމިކް މިނިސްޓްރީ

ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުން ހޯދައި އެކަން ހުއްޓުވާނަން: އިސްލާމިކް މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

3

އިސްލާމް ދީން އެކަމުން ބަރީއަވެގެންވާ ކަންތައްތައް ކުރާ ފަރާތްތަކާއި، އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތައް ހުއްޓުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާ މެދު ޝައްކާއި ވަހުމާއި ނަފުރަތު އުފެދޭ ގޮތަށް، އަދި ދީނަށް ފުރައްސާރަ ކުރެވޭ މޭރުމަކުން ވާހަކަ ދައްކައި ޝަރީއަތަށާއި ﷲގެ އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނަށް ﷲގެ ވައީދުގެ ބަސްފުޅު އައިސްފައިވާ ކަމަށެވެ.

އަދި މީސްތަކުންގެ މެދުގައި އޮޅުން އަރާގޮތަށް މީސްމީޑިއާގައާއި ދީނުގެ ހުކުމްތަކާ ބެހޭ ގޮތުން ނޭނގި ތިބެ ބަހުސް ނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ބަޔާނުގައި ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަޖައްލާ ތަކާއި ވެބްސައިޓު ތަކާއި މީސް މީޑިއާގެ އިތުރުން އާންމު ތަންތަނުގައި އިސްލާމް ދީނާ ގުޅޭގޮތުން ސައްހަ ނޫން، ދޮގު މައުލޫމާތު ފަތުރައި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރަމުންދާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އިސްލާމްދީން މަތިވެރިކޮށް، ދީނުގެ ޝިއާރުތައް ނަގަހައްޓައި އެ ދީނާމެދު ފަހުރުވެރިވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި ދީނީ މައްސަލަތައް އޮޅުން ފިލުވުމަށް ދީނީ އިލްމުވެރިންނާ ސުވާލު ކުރުމަށާއި ދީނީ މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގައި މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިސްލާމީ ސަފުތައް ރޫޅިގެން ދާފަދަ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމިކު މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މީސް މީޑިއާގައި ބައެއް ދިވެހިން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟