އައިޖީއެމްއެޗް

ރޭގެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޭޑީކޭއަށް، ދެމީހުންގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ޝަހީދާ އަބްދުﷲ ސައީދު

ރޭ 11:15 އެހާކަށްހާއިރު ސެނަހިޔާ ކުރިމަތީ ހިނގި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށާއި އަނެއް ދެމީހުންގެ ހާލު ރަނޅުކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

''ވަންއޮންލައިން'އަށް މައުލުމާތުދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ މުހައްމަދު މުފީދު ވިދާޅުވީ ހާލު ސީރިއަސްވި މީހާ ނިއުރޯ ސާޖަން އަކަށް ދައްކަން ޑޮކްޓަރު ލަފާދެއްވުމުން އޭޑީކޭއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އައިޖީއެމްޗައި ނިޔުރޯ ސާޖަންއެެއް ނުހުރެ އެވެ.

އަދި އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ސާޖިކަލް ވޯޑްގައި ކަމަށާއި އަނެކަކަށް ފަރުވާދެމުން އަންނަނީ މެޑިކަލް ވޯޑްގައި ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އެދެމީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ސެނަހިޔާ ކައިރީ ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވަނީ ރިންގްރޯޑުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އުތުރުން ދެކުނަށް ގޮސް ބުރުޒު މަގަށް އަޅަން އުޅުނު ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެ ސައިކަލު ދުއްވަން އިން މީހުން އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށާއި 19 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށެވެ.

ސެނަހިޔާ ކުރިމަތިން ރޭ ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެ ދެ މީހެއްގެ ހާލު ސީރިއަސްވެފައި ވާއިރު، އިއްޔެ ހަވީރު ވެސް ސެނަހިޔާ ކުރިމަތީ ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ.

މިދުވަސްވަރު އެކްސިޑެންޓުތައް ވަނީ އާދަޔާ ޚިލާފަށް ގިނަވެފަ އެވެ. އެގޮތުން އިއްޔެ ހެނދުނު މަސްމާރުކޭޓު ކުރިމަތީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި ޒަޚަމްވުމާ ގުޅިގެން އެ ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.

އަދި އިއްޔެ މެންދުރު ކައްދޫ އެއާޕޯޓް ކުރިމަތީގައި ސައިކަލަކާއި ވޭނެއްޖެހި ހިނގި އެކްސިޑެންޓްގައި 56 އަހަރުގެ ފިރިހެނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.