ކޯސްޓްގާޑް

ޑައިވިން ދޯންޏެއް ގިރިއަކަށް އަރައިފި، މީހަކަށް އަނިޔާއެއް ނުވޭ

ޑައިވިން ދޯންޏެއް އަނަންތަރާ ދިގު ފޮނިޅު ރިސޯޓުގެ ހުޅަނގު ފަރާތުން ގިރިއަކަށް އަރައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަނަންތަރާ ދިގު ފިނޮޅު ރިސޯޓުގެ ހުޅަނގު ފަރާތުން ގިރިއަކަށް އަރައިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

24 ފަތުރުވެރިންނާއި ހަ ފަޅުވެރިން ދަތުރުކުރި ޑައިވިން ދޯނި، ގިރިއަކަށް އެރި ކަމަށް އެންއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 7:19ގައެވެ. އެ ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ޑައިވިން ދޯނީގައި ތިބި ފަތުރުވެރިން ޑިންގީއެއްގައި އެހިސާބުން ދަތުރުކުރި ސަފާރީއަކަށް ނަގާފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި "އީކުއޭޓާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާތީ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. 12 ފަތުރުވެރިންނާއި ދެ ޓުއާ ގައިޑުން އަދި ހަ ފަޅުވެރިން ދަތުރުކުރަމުންދިޔަ އެ ސަފާރީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި ކަފުޖަހައިގެން މާލެއަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.