ދުނިޔެ

ސޫކީ ކޯޓަށް ހާޒިރުކޮށްފި

މުހައްމަދު އައުޒަމް

މިޔަންމާގެ ލީޑަރު އަން ސަން ސޫކީ ކޯޓަށް ހާޒިރު ކޮށްފިއެވެ.

މިދިޔަމަހުގެ އެއް ވަނަ ދުވަހު މިޔަންމާގެ މިލިޓަރީން ނިކުމެ ބަގާވާތަކުން އެގައުމުގެ ސަރުކާރު ވައްޓާލުމަށްފަހު ގައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރު ކޮށްފައިވާއިރު މިއަދު ކޯޓުގައި އޮތް އަޑުއެހުމުގައި ސޫކީ ބައިވެރިވެވަޑައިގެންފައިވަނީ އޮންލައިކޮށެވެ.

ސޫކީގެ ލީގަލް ޓީމާއި ލޯޔަރުން ވަނީ އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް ފާހަގަކޮށްފައެވެ.

ސޫކީ ގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އެގައުމަށް ވޯކީ ޓޯކީ އެތެރެކޮށްފައިވުމާއި މިޔަންމާގެ ޑިޒާސްޓަ ލޯ އާ ހިލާފުވެވަޑައިގެންފައިވާ ކަމުގެ ދައުވާ ހިމެނެއެވެ.

ސޫކީގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެކަމަށް ބެލެވޭ އިރު އިތުރު ދައުވާތަކެއް ކޮށްފާނެކަމުގެ އިޝާރާތެއް ސަރުކާރު މިހާރު ހިންގާ މިލިޓަރީން ވަނީ ކޮށްފައެވެ.

މިޔަންމާގެ ސަރުކާރު ބަގާވާތަކުން ވައްޓާލާފައިވުމާއެކު އެގައުމު ވަނީ ދާހިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. މިޔަންމާގެ ބަގާވާތާ ދެކޮޅަށް އެގައުމުގެ ގިނަ ބަޔަކު ތެދުވެފައިވާއިރު ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.