މެކްސިކޯގެ ތެޔޮ ހޮޅިއެއް ގޮވައި 21 މީހުން މަރުވެއްޖެ އެވެ.
މެކްސިކޯގެ ހިޑަލްގޯ ސްޓޭޓް ހުރަސްކޮށް އަޅާފައިވާ ތެޔޮ ހޮޅި ގޮވާފައި މިވަނީ ބަޔަކު އެ ހޮޅިން ތެޔޮ ވަގަށް ނަގަން މަސައްކަތް ކުރަން އުޅެނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ. ތެޔޮ ހޮޅި ގޮވި އިރުވެސް ބަޔަކު އެސަރަހައްދު ގައި ފީފާތަކަށް ތެޔޮ އަޅަމުން ދިޔަކަމަށް އޮފިޝަލުން ހާމަ ކުރެއެވެ.
ތެޔޮ ހޮޅި ގޮވުމާއިއެކު ހިނގި ހާދިސާ ތަކުގައި 70 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް އަނިޔާވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
އޮފިޝަލުން ހާމަކުރާގޮތުން ގިނަ މީހުންނަށް އަނިޔާވެފައިވަނީ ތެޔޮ ހޮޅި ފަޅައިގެން ދިޔަވަގުތު ތެޔޮ ނަގަން ގިނަ ބަޔަކު އެސަރަހައްދުގައި ހަރަކާތެރިވަނިކޮށް ތެޔޮ ހޮޅި ގޮވުމުން ނެވެ.
މެކްސިކޯގެ ރައީސް ވަނީ ހިނގައި މިދިޔަ ކަންކަން ކުށްވެރި ކޮށްފައެވެ. އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅު ތަކެއް އަޅަން ޖެހޭކަމަށް ވަނީ ބުނެފައެވެ.
މެކްސިކޯގައި 2013 ވަނަ އަހަރުވެސް ވަނީ ތެޔޮ ހޮޅިއެއް ފަޅައިގެން ދިޔުމުގެ ނުރައްކާތެރި ހާދިސާއެއްގައި 37 މީހުން މަރުވެފައެވެ.