މުހައްމަދު އައުޒަމް
ބަގާވާތާ ދެކޮޅަށް ވާހަކަ ދެއްކުމުން އދޗގައި ހުންނަ މިޔަންމާގެ މަންދޫބު މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު އދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަދައްކަވަމުން މިޔަންމާގެ މަންދޫބު ކިޔަވް މޯއީ ތުން ވަނީ އެގައުމުގައި މިލިޓަރީ އިން ކުރިޔަށްގެންދާ ބަގާވާތާ ދެކޮޅަށް ދުނިޔޭގެ ބާރުތަކުން ނިކުތުމަށް ގޮވާލާފައެވެ. އަދި އދ އިން ބާރުގެ ބޭނުން ކުރުމަށްވެސް މަންދޫބު ވަނީ އެދިވަޑައިގެންފައެވެ.
މަންދޫބުގެ ގޮވައިލެއްވުމާއެކު މިޔަންމާގެ މިލިޓަރީން ވަނީ އެމަނިކުފާނު މަގާމުން ދުރުކޮށްފައިކަމަށް އެގައުމުގެ ގައުމީ ޓީވީއިން ބުނެފައިވެއެވެ.
މިޔަންމާގެ ގައުމީ ޓީވީން ވަނީ މަންދޫބު ގައުމަށް ގައްދާރު ވެފައިވާ ކަމަށާއި އެގައުމު ބަލައި ނުގަންނަ އޯގަނައިޒޭޝަނެއްގައި ގައުމު ތަމްސީލު ކުރުމަކީ މަގާމުގައި ހުރެ ކޮށްފައިވާ ގަވާއިދާ ހިލާފު ކަމެއް ކަމުގައި ނިންމާފައެވެ.
މިޔަންމާ އަށް ކަޑައަޅުއްވާފައި ހުންނަވާ އދ ގެ ސްޕެޝަލް ރެޕެޓުއާ ޓޮމް އެންޑްރިވްސް ވަނީ މެންބަރުގެ ކެރިވަޑައިގަތުމަށް ތައުރީފު ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގައުމުތަކުން ތެދުވާންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ސްޕެޝަލް ރެޕެޓުއާ ވިދާޅުވެފައިވެއެވެ.
މިޔަންމާގެ އިންތިހާބުގައި މަކަރުހަދާފައިވާކަމަށް ބުނެ އެގައުމުގެ ސަރުކާރު ބަގާވާތަކުން ބަދަލުކޮށް ލީޑަރުން ހައްޔަރުކޮށްފައިވާއިރު އެގައުމުގެ ވެރިކަމުގެ ހުރިހާ ބާރުތައްވެސް ވަނީ މިލިޓަރީގެ ދަށަށް ބަދަލުކޮށްފައެވެ.