ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ޑރ. އިޔާޒުގެ ރައްދެއް ކާނަލް ނާޒިމަށް، ތަނަވަސްކަމަކީ ހިތުގެ ތަނަވަސްކަން

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު މުދަލުގެ ތަނަވަސްކަމަށް ވުރެ ބަލަންވީ ހިތުގެ ތަނަވަސްކަމަށް ކަމުގައި އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވީ ތަނަވަސް މީހުން ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިދިޔަ ހުކުރު ވިލޭރޭ އޭނާގެ ކެމްޕެއިން ލޯންްޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައެވެ.

ޑރ. އިޔާޒު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަނަވަސްވުމަކީ މުދާ ގިނަވުން ނޫން ކަމަށާއި ތަނަވަސްކަމަކީ ހިތުގެ ތަނަވަސްކަން ކަމަށެވެ.

އެހެންކަމުން މަޖިލީހަށް ބަޔަކު އިންތިޚާބު ކުރާއިރު އެމީހެއްގެ ފައިސާވެރިކަމަށް ބެލުމުގެ ބަދަލުގައި އެމީހެއްގެ އިޚުލާސްތެރިކަން ހުރިވަރު ބެލުމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވެފައިވަނީ މަޖިލީހަށް ތަނަވަސް މީހުން ހޮވައިގެން ނޫނީ ރައްޔިތުންނަށް ކުރިއެރުމެއް ނެތް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ހޮވޭ މީހަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އެ މީހެއްގެ އަމިއްލަ ނަފުސަށް ކޮޅަށް ހުރެވޭ މީހަކު ކަމުގައި ވާން ޖެހޭ ކަމަށާއި ތެދެވެރިކަމާއި އިހްލާސްތެރިކަން އަންނާނީ އަމިއްލަ މަސައްކަތުން އުޅެވޭ މީހަކަށް ވެގެން ކަމަށް ވެސް ނާޒިމް ވިދާޅުވެފައި ވެއެވެ.