ހޮލީވުޑް

ގޭމް އޮފް ތްރޯންސް ޝޫޓް ކުރިއިރު އިސްތަށިގަނޑު ދޮވުން ސޯފީއަށް މަނާ

މަގްބޫލު ސީރީޒް ކަމުގައިވާ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ރޯލު އަދާކުރާ ސޯފީ ޓަރނާ އިންސްޓައިލަށް ދިން އިންޓަވިއެއްގައި ބުނި ގޮތުގައި ސީރީޒްގެ ޝޫޓިން ކުރިއަށް ދިޔަ އިރު އިސްތަށިގަނޑު ދޮވުން އޭނާ އަށް މަނާކަމަށެވެ.

22 އަހަރުގެ ބްރިޓިޝް އެކްޓަރު ބުނި ގޮތުގައި ސީރީޒްގެ ސީޒަން ފަހެއް ކުޅެމުން ދިޔައިރު އެއްވެސް ގޮތަކަށް އިސްތަށިގަނޑު ނުދޮވެވޭ ކަމަށާއި އެއީ ވަރަށް ފަކުރުވެސް ގަތް ކަމެއްކަމަށެވެ. ސޯފީ ބުނި ގޮތުގައި ސީރީޒްގެ ފުރަތަމަ ސީޒަން ތަކުގައި އޭނާ ކުޅުނީ އެރިސްޓޮކްރެޓިކް ޒުވާން އަންހެން ކުއްޖެއް ރޯލު ކަމުން އޭރު އިސްތަށިގަނޑު ދޮވެވޭ ކަމަށެވެ.

ނިކް ޖޮނާސްގެ ކޮއްކޮ ޖޯ ޖޮނާސްއާއި ގުޅިގެން އުޅޭ ސޯފީގެ އިންޓަވިއުގައި އިތުރަށް ބުނީ އިސްތަށިގަނޑު ނުދޮވެވޭތީ އެދުވަސްވަރު އިސްތަށިގަނޑު ތެޔޮވެފައި އޮންނަވަރުން ސްނޯ ފައިބާ ބައިތައް ކުޅޭއިރު ސްނޯ މެޝިނުން އަންނަ ސްނޯތައް އޭނާގެ އިސްތަށިގަނޑުގައި ތަތްވެސް ލަވާކަމަށެވެ.

ނަމަވެސް ފަހުން ފަހުން އައިސް ވިގެއް އެޅުމަށް ފުރުސަތު ލިބުމުން އޭނާއަށް އިސްތަށިގަނޑު ދޮންނަން ފެށުނު ކަމަށް ސޯފީ ބުނެފައިވެއެވެ.