ދުނިޔެ

މިޔަންމާގެ ބަޣާވާތަށް ޗައިނާއިން އެހީތެރިވާ ކަމުގެ ތުހުމަތާއެކު ވަރުގަދަ މުޒާހަރާތަކެއް, ޗައިނާއިން އެކަން ދޮގުކުރޭ

މިޔަންމާއަށް ބަޣާވާތް ގެނައުމަށް ޗައިނާއިން އެހީވި ކަމަށް ތުހުމަތުކޮށް އެގައުމުގައި ހުންނަ ޗައިނާގެ އެމްބަސީ ދޮށަށް ގިނަ ބަޔަކު އެއްވެ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށުމުން, ޗައިނާއިން އެކަން ދޮގުކޮށްފިއެވެ.

މިޔަންމާގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް, އަސްކަރީ ބަޣާވާތެއް ގެނެސް, ގައުމުގެ ބާރުތައް އަތުލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ބަޣާވާތަށްފަހު މިޔަންމާގެ ލީޑަރު އަން ސަން ސޫކީ އާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ

ނެޝަނަލް ލީގް އޮފް ޑިމޮކްރަސީ (އެންއެލްޑީ)ގެ ލީޑަރުން ވަނީ ގޭ ބަންދުކޮށްފައެވެ. އަދި އެގައުމުގައި ވަނީ އެއް އަހަރު ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަޣާވާތް ގެނައީ ޗައިނާގެ އެހީތެރިކަމާއެކު ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ޗައިނާއިން މިޔަންމާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗެން ހައި އެގައުމުގެ ބައެއް މީޑިއާތަކަށް ވިދާޅުވީ, އެ ބަޣާވާތުގެ އެއްވެސް މައުލޫމާތެއް ޗައިނާއަށް ކުރިން ލިބިފައިނުވާ ކަމަށެވެ.

"އެންއެލްޑީ އާއި އަސްކަރިއްޔާއާ ޗައިނާއިން ގާތް ރަހުމަތްތެރިކަމެއް އޮވޭ. މިޔަންމާގެ މިހާރުގެ ހާލަތަކީ ޗައިނާއިން ދެކެން ބޭނުންވާ ހާލަތެއް ނޫން," ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވަނީ, މިޔަންމާގެ އަސްކަރިއްޔާއަށް އެހީވުމަށް ހަތިޔާރާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނާ ވާހަކަތައް ވެސް ދޮގުކުރައްވައިފައެވެ. އަދި އިންޓަނެޓް ބޭނުން ކުރުން ހުއްޓުވުމަށް ފަޔާވޯލްއެއް ހެދުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

މިޔަންމާއަކީ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާއަށް އެންމެ މުހިންމު އެއް ބައިވެރިއެވެ. އަދި ޗައިނާއަކީ މިޔަންމާގައި އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ގައުމެވެ.

މިޔަންމާއަށް ގެނައި ބަޣާވާތް ބައިނަލްއަގުވާމީ މުޖުތަމައު އިން ކުށްވެރި ކުރަމުން އަންނަ އިރު, ޗައިނާ އާއި ރަޝިއާ އިން ވަނީ މިޔަންމާގެ ބަޣާވާތް ކުށްވެރިކޮށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ނެރެން އުޅުނު ޖޮއިންޓް ސްޓޭޓްމަންޓް ވީޓޯކޮށްފައެވެ.

ޗައިނާގެ މި އަމަލުތަކާ ގުޅިގެން މިޔަންމާއަށް ގެނައި ބަޣާވާތާ ދެކޮޅު މީހުން ވަނީ, މިޔަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔެންގޮންގައި ހުންނަ ޗައިނާގެ އެމްބަސީ ދޮށަށް އެއްވެ, ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އަދި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށްދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.