ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ނިޝާންތައް ކަނޑުގެ އެކި ސަރަހައްދުތަކުން ވަނީ ފެނިފައި ވަނީ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރި ދިރާސާތަކުގެ އެއްވެސް މައުލޫމާތެއް މިހާރުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު، އަދި ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ކުރި ދިރާސާތަކުގައި އެންމެ އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ ރާއްޖެއިން ތެޔޮ ފެނިފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި ރާއްޖެއިން ތެޔޮ ނުވެސް ނެގޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޒަހާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޝައިނީ "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ ޒަހާ އަކީ ވަޒީރު ކަމުގެ ހުވާ ކުރައްވައިގެން ހުންނެވި ދައުލަތުގެ ވަޒީރެއް ކަމަށާއި އެހެން ކަމުން ވަޒީރު ކަމުގެ ހުވާކޮށްގެން ހުރި އެހެން ވަޒީރެއްގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުއްވާ ނަމަ އެކަން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމަނާ އެ ހައްދަވަނީ އިތުރުފުޅެއް ނަމަ އެކަމުގެ ހައްގު އަދަބުވެސް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކަމަކަށް ޒަހާއަށް ކިހިނެއްތޯ އެހެން ވިދާޅުވާނީ؟ ކޮން މައުލޫމާތެއްގެ މައްޗަށްތޯ؟ އެކަމާ ގުޅޭ ގޮތުން ކުރި އެއްވެސް ދިރާސާއެއްގައި ޒަަހާ ބައިވެރިވެވަޑައިގެންފައެއް ނޯންނާނެ. އަދި އެކަމާ ގުޅޭ ގޮތުން ކުރި ދިރާސާތަކުގެ ޑޮކިޔުމެންޓެއް ފެނިވަޑައިގެންފައެއްވެސް ނޯންނާނެ." ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ކުރީގެ ސަރުކާރުން ބުނެފައި ވާނީ ރާއްޖޭއިން ތެޔޮ ހުރި ކަމުގެ ނިޝާންތައް ނުވަތަ އަލާމާތްތައް ފެނުނު ވާހަކަ ކަމަށެވެ. އެއްވެސް ހާލެއްގައި ރާއްޖެއިން ތެޔޮ ފެނުނު ވާހަކަ ސަރުކާރުން ބުނެފައި ނުވެސް ވާނެ ކަމަށެވެ.
"އެހެން ވިޔަސް ރާއްޖޭން ތެޔޮ ނުނެގޭނެއޭ ނުވަތަ އަޅުގަނޑުމެން ހެދީ ދޮގެކޭ ވިދާޅެއް ނުވެވޭނެ. އޭރު އަޅުގަނޑުމެން މީޑިއާއަށް ހާމަކުރި މައުލޫމާތު ތަކަކީ ސައްހަ ޑޮކިޔުމެންޓްސް. އެ ޑޮކިޔުމެންޓްސް މިހާރުވެސް އެބަ ހުރި. އެކަންކަން އެނގިވަޑައިގެން ނުގެން އެކަހަލަ ތުހުމަތުތަކެއް ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން. ރާއްޖެއިން ތެޔޮ ނުނެގޭނެ ކަމަކަށް އެހެން ހަމަ ހުންނަވާފަ ވިދާޅެއް ނުވެވޭނެ ދެއްތޯ!" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރާއްޖެެއިން ތެޔޮ ފެނޭތޯ އޭރު ކުރި މަސައްކަތްތަކުން ރައްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ހައިޑްރޯ ކާބަންގެ ބާވަތްތައް ބައިވަރު ހުރިކަން އެނގިފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ތެޔޮތޯ ނުވަތަ ގޭހުގެ އެހެން ބާވަތެއްތޯ އަދި އެއީ ތެޔޮ ނަމަވެސް ހުރި ފުންމިނަކާއި ހުރި ސްޓޮކްގެ ކުޑަބޮޑު މިނާއި މިފަދަ ވަރަށް ގިނަ ކަންކަން ބެލިގެން ނޫނީ އެކަމުގައި އިތުރު ވާހަކަތައް ދެއްކެން ނޯންނާނެ ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު އެކުލެބޭ ގައުމު ތަކުގައި ކަނޑު އަޑީން ތެޔޮ ނެގުމަކީ ވެސް ދުނިޔޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އަނެއްކާ އަޅުގަނޑުމެން އޭރު މީޑިއާގައި ވެސް ބުނަމުން އައީ އެއީ އަދި ތެޔޮ ކަމަށް ވިޔަސް އެ ފެނުމާއި ނެގުމާ ދެމެދު ވެސް 10 ވަރަކަށް އަހަރު ހޭދަ ވާނެއޭ. ކުރީގެ ސަރުކާރުގެ ވައުދެއް ނޫން ތެޔޮ ނެގުމަކީ. ވައުދަކީ ތެޔޮ ހުރިތޯ ބަލަން މަސައްކަތް ކުރުން. އެ މަސައްކަތް އަޅުގަނޑުމެން ކުރީ. އަނެއްކާ އެމަސައްކަތް ކުރީ ދައުލަތުގެ ބަޖެޓަކުން ނޫން. އެކަމަށް ދައުލަތުގެ ބަޖެޓުން ހޭދައެއް ނުކުރާކަން މިހާރުވެސް އެނގެން ހުންނާނެ." ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ކުރީގެ ސަރުކާރުން ފަހުން އެ މަސައްކަތް މަޑު ޖައްސައިލީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިއުމުގެ ސަބަބުން ކަމަށާއި އެފަދަ ދުވަސްވަރެއްގައި އެމަސައްކަތް ކުރާން ދިމާކޮށްފި ނަމަ ލިބިދާނެ ގެއްލުންތަކަށް ވިސްނަވާފައި ކަމަށެވެ.
"އެއް ކަމަކަށް މިވާ ގޮތަކީ އެކަށީގެންވާ އަގެއް ނުލިބުން. އަނެއް ކަމަކީ އެހާ އަގު ދަށް ދުވަސްވަރެއްގައި އެކަން ކުރާން އަޅުގަނޑުމެން ޑިމާންޑްކޮށްގެން ނުވަތަ ބާރގެއިން ކޮށްގެން ބަޔަކު ހޯދަން ދިމާކޮށްފި ނަމަ ރާއްޖެ ކަހަލަ ނާޒުކު ތިމާވެށްޓެއް އޮންނަ ގައުމަކަށް ބަލާ އިރު އެކަން ކުރާން އެންމެ ރަނގަޅު ބަޔަކު ނުލިބިދާނެ. މި ކަހަލަ ގައުމެއްގައި އެކަން ކުރާން ވާނީ ވަރަށް ގާބިލު ރަނގަޅު ކުންފުންޏަކުން." ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ތިމާވެށީގެ ސަބަބުތަކަށް ޓަކައި ރާއްޖެއިން ތެޔޮ ނެގުމުގެ މަސައްކަތް މިސަރުކާރުން ނުކުރައްވާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި ވާހަކަފުޅަށް އިހުތިރާމުކުރައްވާ ކަމަށާއި އެކި ސަރުކާރު ތަކުގެ އެފަދަ ސިޔާސަތުތައް ތަފާތުވުމަކީ ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކޮމެންޓެއް ހޯދުމަށް މިނިސްޓަރު ޒަހާއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެއްވައެވެ.