ޚަބަރު

ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން ޒަހާ ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަންކޮށްފި

މުއާވިޔަތު އަންވަރު

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ޒަހާ ވަހީދު ވަކިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކުރެއްވި ކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ މިރޭ ވަކިކުރެއްވިކަން އޭނާއަށް އަންގަވާފައިވާ އިރު، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ބަދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ. އެހެންނަމަވެސް އެ މަގާމު އޭނާ ގަބޫލުކުރެއްވިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެ މަގާމުން ޒަހާ މިރޭ ވަކިކޮށްފައިވާ އިރު، އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރުގެ ހިންގެވުމަށް ބައެއް ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ކެބިނެޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ޕާޓްނަރުންނާއެކު ރައީސް ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ މިރޭ ވަކި ކުރެއްވި ނަމަވެސް، އެ މިނިސްޓްރީ ހިންގެވުމަށް އަދި މިނިސްޓަރަކު އައްޔަންކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި، ފިޝަރީޒް މިނިސްޓަރަކަށް ދެން ހަމަޖައްސަވާނީ މިހާރު އެންވަޔަރަމެންޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ޒަހާ އެ މަގާމުން ވަކިކޮށްފައިވާ އިރު، މި ފަހުން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވައްދައިފައެވެ. ނަމަވެސް އެ މައްސަލައިގައި ސޮއިކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސޮއި އަނބުރާ ނެންގެވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

އިދިކޮޅު ފަރާތްތަކުން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ކުރިން، ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ މެދު އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ. އަދި ޒަހާ މިނިސްޓަރުކަމުން ވަކި ކުރެއްވުމަށް ވެސް އޭގެ ތެރެއިން ބައެއް މެންބަރުން ފާޅުގައި ގޮވާލަމުންދިޔައެވެ.