ޚަބަރު

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަނު ކުރައްވައިފި

މުއާވިޔަތު އަންވަރު

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަނު ކުރެއްވި ކަން އެ އޮފީހުގެ ސްޕޯކްސް ޕާސަން މަބްރޫކް އަޒީޒް ވަނީ "ވަން" އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަނު ކުރައްވާފައިވަނީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަކި ކުރުމަށް ނިންމުމުން، އިސްތިއުފާ ދެއްވައި ރައީސް އަށް ސިޓީ ފޮނުވާފައިވަނީ މޭ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން ޒަހާއަށް ހުށަހެޅުއްވިކަމަށް އޭރު ވެސް އޮތީ އަޑު ފެތުރިފަ އެވެ.

ޒަހާ އަށް ފަހު އޭރު އެންވަޔަރަންމެންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން، ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.

ކެބިނެޓަށް ވަޒީރުން އައްޔަން ކުރެއްވުމާއި ވަކި ކުރެއްވުމަކީ ގާނޫނު އަސާސީން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެކެވެ.

ޒަހާއާ އެކު ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި އަދި އިތުރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ އަލީ ޝިޔާމްއާއި މުހައްމަދު ޝިފާޒްގެ އިތުރުން އަހްމަދު ސަމީރު އެވެ.