އިބްރާހިމް ޒަކީ
މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (މިހާރުގެ އެކްޓިންގެ މެނެޖިންގ ޑިރެކްޓަރު) އަލީ އިކުރާމް އެ ތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށްބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ)ން މިއަދު ބަލަން ނިންމައިފިއެވެ.
އެކޮމިޓީން އެ މައްސަލަ ބަލަން ނިންމީ، އެ ކުންފުންޏަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރި ފަރާތުގެ ހަރަދުގައި އަލީ އިކުރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާކަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލާއިރު، ޖިންސީ ގޯނާގެ މައްސަލައާއެކު ދެ މައްސަލަ ކޮމިޓީން ބެލުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުމުން ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ސަޕްލަޔަރުގެ ހަރަދުގައި ޑީއެމްޑީ ސިންގަޕޫރަށްދިޔަ މައްސަލަ ބެލުމަށްޓަކައި، އެކުންފުނީގެ މައުލޫމާތު އޮޅުން ފިލުމަށް ލިޔުން ފޮނުވުމުގެ އިތުރުން އެ ކުންފުނީގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެސްޓީއޯގެ ޕްރޮކިއުމެންޓާ ބެހޭ ފަރާތްތަކުން މައުލޫމާތު ހޯދާނެ ކަމަށެވެ.
އެެގޮތުން ހޯދާ މައުލޫމާތުތަކުގެ މައްޗަށް ކޮމޓީގައި މަޝްވަރާ ކުރުމަށްފަހު، މޯލްޑިވް ގޭސްގެ ޑީއެމްޑީ އަލީ އިކުރާމް އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރައްވާނެ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.