ދުނިޔެ

މިޔަންމާ ބަޣާވާތް: އަސްކަރިއްޔާއާ ދެކޮޅަށް ޓީޗަރުންނާއި ހެލްތު ވޯކަރުން މަދަނީ ބަސްނޭހުމަކަށް!

މިޔަންމާއަށް މިދިޔަ ހޯމަ ދުވަހު ގެނައި އަސްކަރީ ބަޣާވާތާ ދެކޮޅަށް އެގައުމުގެ ޓީޗަރުންނާއި ދަރިވަރުން އަދި ހެލްތުކެއާ ވޯކަރުން މަދަނީ ބަސްނޭހުމަކަށް ނުކުމެއްޖެ އެވެ.

މިޔަންމާގެ އެންމެ ބޮޑު ސިޓީ, ޔަންގޮންގައި ހުންނަ ޑެގޮން ޔުނިވާސިޓީގެ ކުރިމަތީގައި މިއަދު ބޭއްވި އަޑުއުފުލުގައި އެތައް ސަތޭކަ ޓީޗަރުންނަކާއި ދަރިވަރުން ވަނީ ބަޣާވާތަށްފަހު ހައްޔަރުކުރި މިޔަންމާގެ ލީޑަރު އަން ސަން ސޫކީ މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލައިފަ އެވެ.

އަޑުއުފުލުމުގައި ބައިވެރިވި އެންމެން ތިބީ ސޫކީގެ ޕާޓީ ކަމަށްވާ ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ)ގެ ކުލަ ކަމަށްވާ ރަތް ކުލައިގެ ރިބަން ޖަހައިގެންނެވެ. އަދި ބައެއް މީހުން ރަތް ކުލައިގެ ދިދަ ވެސް ބޭނުން ކޮށްފައިވެ އެވެ.

މިޔަންމާގައި ކުރިއަށްގެންދާ މަދަނީ ބަސްނޭހުމުގެ ހަރަކާތުގައި އެގައުމުގެ ހެލްތުކެއާ ވޯކަރުން ވެސް ގެންދަނީ ބައިވެރިވަމުންނެވެ. އަދި އެމީހުން ބޯލަނބާނީ އިންތިހާބު ކޮށްފައިވާ ވެރިކަމުން އަންގާ އެންގުންތަކަށް ކަމަށާއި އަސްކަރިއްޔާ އަންގާ ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ވެސް ހެލްތުކެއާ ވޯކަރުން ގެންދަނީ ބުނަމުންނެވެ.

މިޔަންމާއަށް ގެނައި އަސްކަރީ ބަޣާވާތަށްފަހު އާންމުންގެ ތެރެއިން ސޫކީ ނުފެނުނު ކަމުގައި ވިޔަސް, އޭނާގެ ޕާޓީގެ އޮފިޝަލަކު ވިދާޅުވާ ގޮތުގައި ސޫކީ ހުންނެވީ ގޭބަންދުގަ އެވެ.

އަދި ބަޣާވާތަށްފަހު މުޅި މިޔަންމާއަށް ނާމާންކަން ވެރިވެފައި އޮތް ނަމަވެސް, ރައްޔިތުން މިހާރު ދަނީ އަސްކަރިއްޔާއިން އަޅަމުން ގެންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ނުކުމެ, އިންތިހާބު ކޮށްފައިވާ ވެރިކަމަށް ޖާގަ ދިނުމަށް ގޮވާލަމުންނެވެ.

އެގޮތުން އަސްކަރިއްޔާއިން މިޔަންމާގެ ވެރިކަމާ ހަވާލުވެ, އެއް އަހަރު ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ފޭސްބުކް ވަނީ ބުލޮކް ކޮށްފަ އެވެ. ނަމަވެސް ވީޕީއެން އެއް ބޭނުންކޮށްގެން މިޔަންމާގެ ގިނަ ބަޔަކު ދަނީ އަސްކަރިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް އަޑުއުފުލަމުންނެވެ.