ދުނިޔެ

ކެންޔާގެ ހޮޓަލެއްގައި ބަޑިން ހަމަލަދީ 21 މީހުން މަރާލައިފި

މުހައްމަދު އައުޒަމް

ކެންޔާގެ ހޮޓަލެއްގައި ބަޑިން ހަމަލަދީ 21 މީހުން މަރާލައިފިއެވެ.

ކެންޔާގެ ނައިރޯބީގެ ޑުސިޓްޑީ2 ހޮޓެލް އެންޑް ބިޒްނަސް ކޮމްޕްލެކްސްއަށް ހަތިޔާރާއެކު ބަޔަކުވަދެ ދިން މިހަމަލާގައި 28 މީހުންނަށް އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ކެންޔާގެ ރެޑް ކްރޮސްއިން ވަނީ މިހައިތަނަށް 19 މީހަކު ގެއްލިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ހަމަލާ ދިން މީހުން ވަނީ ހޮޓަލަށް ވަނުމުގެ ކުރިން ހޮޓަލުގެ ބޭރުގައި ޕާކު ކޮށްފައިހުރި ވެހިކަލްތަކުގައި ބޮން ހަރުކޮށް ގޮއްވައިލާފައެވެ. އަދި ހަމަލާދިނުމުގައި ބައިވެރިވި އެކަކު ވަނީ ހޮޓަލަށް ވަނުމަށްފަހު ޖާނުން ފިދާ ވެގެން ބޮމެއް ގޮއްވާލާފައެވެ.

ހަމަލާ ދިން މަންޒަރު ދައްކުވައިދޭ ވީޑިއޯ

މިހަމަލާގެ ޒިންމާ ސޯމާލިއާގެ އަލް ޝަބާބްއިން ނަގާފައިވާއިރު ހަމަލާދިނުމުގައި ބައިވެރިވި ފަސް މީހުން މަރާލާފައިވާ ކަމަށް ކެންޔާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކެންޔާގެ ރައީސް އުހުރު ކެނައްޓާ ވަނީ މިހަމަލާ ރޭވުމާއި ހަމަލާއަށް ފަންޑުކުރުމާއި ހަމަލާގެ ފަހަތުގައިވާ ހުރިހާމީހުން ހޯދައި ފިޔަވަޅުއަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކެންޔާގެ ހޮޓަލަށް މިދިން ހަމަލާއާ ގުޅުން ހުރި ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.