ޝެއިޚް ޑރ. މުހައްމަދު އިޔާޒް

މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅުމަށް ޑރ. އިޔާޒު ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

2

މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅުމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒު މިފަދައިން ގޮވާލައްވާފައި މިވަނީ ކައިވެނިން ބޭރުން ދަރިންލިބޭ މައްސަލައިގައި އަންހެނުން ނުވިހާ އޮޕަރޭޝަން ކުރުމަށް ބާރު އަޅުއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ.

''ތިމާއަށް ﷲ ނުފެނުނު ނަމަވެސް، ތިމާކުރާ ހުރިހާ ކަމެއް، އަދި ބުނާ ހުރިހާ ބަހެއް، އަދި ހިތުގައި ފޮރުވާފައިވާ ހުރިހާކަމެއް ﷲ ދެކެވޮޑިގެން އަދި ބައްލަވައި ވޮޑިގެން އަދި މޮޅަށް ދެނެވޮޑިގެންވާކަން ހަނދުމަ ކުރާށެވެ. މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅޭށެވެ.'' ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޑރ. އިޔާޒުގެ އިތުރު ޓުވީޓެއްގައި ވަނީ ތިބާ ހައްދަވައި ގެންގުޅުއްވައި ތިބާއަށް ގުނައި އަދަދު ނުކުރެވޭ ފަދަ ނިއުމަތް ދެއްވި ﷲއަށް ހަމްދާއި ޝުކުރު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ﷲ ނަހީކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ހިނދު، ލަދުގަންނަންވީ އަދި ބިރުގަންނަންވީ މީސްތަކުންނަށް އެނގިދާނެ ކަމަށްޓަކައި ނޫން ކަމަށާއި ﷲއަށް ކަމަށް ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ކީރިތި ގުރުއާނުގެ އާޔަތާއެކު އިޔާޒުގެ ޓުވީޓުގައި ވަނީ ޒިނޭއަށް މަގުފަހިވާ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަހަލާލަށް ބަލިވެ އިންނަ މައްސަލައަށް އޮތް ހައްލަކީ ކައިވެނިން ބޭރުން ނުވިހާ އޮޕަރޭޝަން ކުރުން ކަމަށް ވިދާޅުވެ ޒިނޭކުރުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ނަޝީދު ވާހަކަފުޅު ދެއްކެވި މައްސަލައިގައި ދީނީ އިލްމުވެރިން ގެންދަވަނީ ނަޝީދުގެ އެވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟