ދުނިޔެ

މިޔަންމާގައި ބަގާވާތަށްފަހު ކުއްލި ހާލަތު އިއުލާންކޮށް ގައުމު ހުއްޓުމަކަށް

މުހައްމަދު އައުޒަމް

މިޔަންމާގައި ބަގާވާތަށްފަހު ކުއްލި ހާލަތު އިއުލާންކޮށް ގައުމު ހުއްޓުމަކަށް ގެނެސްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި ބަގާވާތެއް ހިންގައި ވެރިކަމުގައި ހުންނެވި އަންގް ސަންގް ސޫކީ މަގާމުން ދުރުކޮށް ހައްޔަރުކޮށްފައިވާ އިރު، އެގައުމުގެ ހުރިހާ ބާރެއް މިހާރު ވަނީ އާމީ ކޮމާންޑަރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ދާދިފަހުން މިޔަންމާގައި ކުރިއަށްދިޔަ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެގައުމުގެ އަސްކަރިއްޔާއިން ގަދަބާރުން މިވަނީ ގައުމާ ހަވާލުވެފައެވެ.

އަންގް ސަންގް ސޫކީ ވަނީ ސަޕޯޓަރުންނާއި އެގައުމުގެ އާންމު ރައްޔިތުން އެ ބަގާވާތާ ދެކޮޅަށް ތެދުވުމަށް އެދިވަޑައިގެންފައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރުކުރުމުގެ ކުރިން ލިޔެފައިވާ ސިޓީއެއްގައި އަންގް ސަންގް ސޫކީ އެދިވަޑައިގެންފައިވަނީ ގައުމު ޑިކްޓޭޓާޝިޕްއަކަށް ގެންދަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެންމެން ނުކުތުމަށެވެ.

މިޔަންމާގައި މިހާރު ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، އެގައުމުގެ އާންމު ހިދުމަތްދޭ ހުރިހާ ތަނެއް އަސްކަރިއްޔާއިން ވަނީ ބަންދުކޮށްފައެވެ.

އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެގައުމުގެ އިންތިހާބުގެ މައްސަލަ ހައްލުވަންދެން ގައުމުގެ ހުރިހާ ކޮންޓްރޯލެއް އޮންނާނީ އަސްކަރިއްޔާގެ ދަށުގައެވެ.

މިޔަންމާގައި ހިންގަން ފެށި ބަގާވާތާއެކު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.