ކޮވިޑް 19

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ކޮވިޑް ވެކްސިން ޖައްސަވައިފި

ރިފާ ހަލީލު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވައިފި އެވެ.

އުއްތަމަ ފަނޑިޔާރު މި ވެކްސިން ޖައްސަވާފައިވަނީ މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމްގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިން މިހާރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ދޭން ފަށާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ބައެއް ސިއްހީ ހިދުމަތްތެރިންނާއި ދައުލަތުގެ މަތީފަންތީގެ ބޭފުޅުން ވަނީ ކޮވިޑް ވެކްސިން ޖައްސަވާފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިއިރު ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ހުއްދަ ދީފައިވަނީ އެކަމުގައި ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ބަލައި ދިރާސާ ކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު އެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ 100،000 ޑޯޒް ރާއްޖޭގައި އެބަހުއްޓެވެ. އެއީ 50،000 މީހުންނަށް ވެކްސިން ދެވޭނެ މިންވަރެކެވެ. ކޮންމެ މީހަކަށްވެސް ކޮވިޑްގެ ދެ ޑޯޒް ވެކްސިން ދޭން ޖެހެ އެވެ.