"ވަން އޮންލައިން"ގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށްފި އެވެ. ވަން އޮންލައިންގެ ދިވެހި އެޑިޝަންގައި ވެސް ހިމެނޭ މުހިންމު ބައިތައް ހިމެނޭ ގޮތަށް އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ކިޔުންތެރީންނަށް ދޫކޮށްލައިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ވަން އޮންލައިންގެ އިންޓަނޭޝަނަލް އެޑިޝަންގައި ބޮޑަށް އިސްކަން ދޭނީ ރާއްޖޭގެ މުހިންމު ޚަބަރުތައް ގެނެސްދިނުމާ އެކު ސަރަހައްދީ ގައުމު ތަކާއި ބައިނަލް އަގުވާމީ މުޖުތަމައާ ގުޅޭ މުހިންމު ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދިނުމަށެވެ.
ވަން އޮންލައިންގެ އިންޓަނޭޝަނަލް އެޑިޝަން އިތުރަށް ފުރިހަމަކޮށް އާ ބައިތައް ވެސް ކުރިޔަށް އޮތް ތަނުގައި ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ.
ވަން އޮންލައިންގެ ދިވެހި އެޑިޝަން ތައާރަފުކޮށް ވެބްސައިޓް ލޯންޗް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މިދިޔަ ހަތަރު ވަރަކަށް މަސް ދުވަސް ތެރޭ ވަން އޮންލައިން ވަނީ ކިޔުންތެރީންގެ މެދުގައި އިތުބާރާއި މަގުބޫލުކަން ހޯދައިފަ އެވެ. އަދި ވަން އޮންލައިނަށް ވަންނަ މީހުންގެ އަދަދުވެސް އަންނަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުންނެވެ.
ވަން ޓީމުން މަސައްކަތް ކުރަނީ އަދި ކުރިޔަށް އޮތް ތަނުގައި ކުރާނީ ވެސް ރައްޔިތުންނަށް ބޭނުންވާ ތެދު ޚަބަރާއި މައުލޫމާތު ވީހާވެސް އަވަސްކޮށް ތާޒާ ކަމާއެކު ގެނެސް ދިނުމަށެވެ.