ޔުނައިޓެޑް ނޭޝަންސް

80 ޕަސެންޓު މީހުން ވޯޓުލާން ނިކުތުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް: ނަސީރު

23 ސެޕްޓެމްބަރ 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި 80 ޕަސެންޓް މީހުން ވޯޓު ލާފައި ވުމާއި އަދި އިންތިޚާބުގެ ކަންތައްތައް އަމާން އޮމާންކަމާއެކު ނިމިގެންދިއުން ވެގެން ދިޔައީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެ ފަށާފައިވާ ދަތުރުގައި ދިވެހި ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ ކަމެއް ކަމުގައި ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ ނިއުޔޯކުގައި ކުރިއަށް ދިޔަ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 73 ވަނަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީރު ވިދާޅުވީ ދިވެހިރާއްޖެ މިހާރު އޮތީ، ޤައުމު ހިންގުމުގެ އެންމެހައި ބާރުތައް، ޑިމޮކްރަސީގެ ނިޒާމުން އިންތިޚާބުވެފައި އެއްސަރުކާރުން އަނެއްސަރުކާރަށް ޙަވާލުކުރުމުގެ މަރުލަހާގައި ކަމަށާއި، އިޖްތިމާއީ އަދި އިގްތިޞާދީ ގޮތުން ވެސް ދިވެހިރާއްޖެ ވަނީ ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމިންގެ ޒައާމަތުގައި އިސްކަންދެއްވީ ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ކަމަށާއި ޤައުމުގެ ސިނާޢަތުތައް ކުރިއެރުވުމަށާއި ވެރިކަންކުރާ އާބާދީ މައިގަނޑު ތިން ސިޓީއަކަށް ބަހައިލުމަށްފަހު އިޤްތިސާދީ ގޮތުން ރާއްޖެ އަށް ބޮޑު ކުރިއެރުވުމެއް ގެނެސްދޭންކަން ފާހަގަ ކުރިއެވެ. އަދި ކުރިމަގުގައި ވެސް ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް މަދަދުދެއްވާ ފަރާތްތަކާ ގުޅިގެން ދިވެހި ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމަށް ދިވެހި ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނަސީރު ދެއްވިއެވެ.

މީގެ އިތުރުން ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލައްވައި، ސީރިޔާގައި ހިނގަމުންދާ ހަނގުރާމާ އަށް ސުލްހަވެރި ނިމުމެއް ގެނައުމަށާއި، މިޔަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓުވާލެއްވުމަށްވެސް ސަފީރު ވަނީ ގޮވާލައްވާފައެވެ.

އ.ދ.ގެ ހައި-ލެވެލް ސެގްމެންޓްގެ ހަވާސާގައި ބޭއްވި މިނިސްޓްރީއަލް ފެންވަރުގެ ބައެއް ބައްދަލުވުންތަކުގައިވެސް ރާއްޖޭން ވަނީ ބައިވެރިވެ ވާހަކަދައްކާފައެވެ. މިގޮތުން ރާއްޖޭން ބައިވެރިވި ބައްދަލުވުންތަކުގެ ތެރޭގައި ވަކިފަރާތަކަށްނުޖެހޭ ހަރަކާތާއި އޯ.އައި.ސީ އާއި ސާރކްގެ ބައްދަލުވުންތައް ހިމެނެއެވެ. އަދި ދުނިޔެއިން ކެއްސުންބަލި ނައްތައިލުމަށް އެޅިދާނެ ފިޔަވަޅުތަކާއި އެކަމުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީއަށް އަލިއަޅުވާލައި "އެލިމިނޭޓިންގ ޓީ.ބީ 2030" ގެ ނަމުގައި ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ އާއި އިންޑޮނީޝިޔާ އާއި ތައިލެންޑާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ރާއްޖޭން ވަނީ ކޯ-ހޮސްޓް ކޮށްފައެވެ.

މިހާރު ކުރިއަށްދާ، އ.ދ.ގެ 73 ވަނަ ޢާއްމު ޖަލްސާގެ ޢާއްމު ބަހުސް ފެށީ ނިޔު ޔޯކްގައި ހުންނަ އ.ދ. ގެ މައި ހެޑްކުއާޓަރުގައި، 25 ސެޕްޓެމްބަރުގައެވެ. މި އަހަރުގެ ސެޝަންތަކުގެ ތީމަކީ "މޭކިންގ ދަ ޔުނައިޓެޑް ނޭޝަންސް ރެލެވެންޓް ޓު އޯލް ޕީޕަލް: ގްލޯބަލް ލީޑަރޝިޕް އެންޑް ޝެއަރޑް ރެސްޕޮންސިބިލިޓީޒް ފޯ ޕީސްފުލް، އިކުއިޓަބަލް އެންޑް ސަަސްޓެެއިނަބަލް ސޮސައިޓީޒް" އެވެ.