ދުނިޔެ

އެމެރިކާއިން އެހީ ކަނޑާލުމުން ދުނިޔޭގައި އެޗްއައިވީ އާއި އެއިޑްސްގައި މަރުވާ މީހުން ގިނަވާނެ: އދ

މުހައްމަދު އައުޒަމް

އެމެރިކާއިން އެހީ ކަނޑާލުމުން ދުނިޔޭގައި އެޗްއައިވީ އާއި އެއިޑްސްގައި މަރުވާ މީހުން ގިނަވާނެ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ އެއިޑްސްއާ ބެހޭ އެޖެންސީއިން ބުނީ އެމެރިކާއިން އެހީތައް ހުއްޓާލައިފިނަމަ އެޗްއައިވީގައި ދުވާލަކު 2000 އަށްވުރެން ގިނަ މީހުން މަރުވެދާނެ ކަމަށާއި އެ އަދަދު އަހަރެއްގެ ތެރޭގައި މިލިއަނަކަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު 20 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ އެމެރިކާއިން ދޭ ބޭރު އެހީތައް ކަނޑާލައްވައިފައެވެ. ނަމަވެސް ފަހުން އެމެރިކާގެ ޑިޕާޓްމަންޓު އޮފް ސްޓޭޓް އިން ވަނީ އެޗްއައިވީ އަށް ދެމުންދާ އިމަޖެންސީ އެހީ ކުރިޔަށް ގެންދާނެ ކަމަށް ބުނެފައެވެ.

އދ. އިން ވަނީ އެމެރިކާއިން ސިއްހަތަށް ކުރަމުން ދިޔަ ފަންޑުތައް ހުއްޓާލުމުން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ބުނެފައެވެ.

އދ. އިން ނެރެފައިވާ ތަފާސް ހިސާބުތަކުން ބަލާއިރު، 2023 ވަނަ އަހަރު އެކަނިވެސް ދުނިޔޭގައި 600،000 މީހުން އެއިޑްސް ބަލީގައި މަރުވެފައިވެއެވެ.