ދުނިޔެ

އަދުގެ ދުނިޔެ: އައިސީސީއަށް ރައީސް ޓްރަމްޕު މިބޭލީ ކޮންރުޅިއެއް؟

އިމާދު ލަތީފު

2

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް، ނުވަތަ އައިސީސީއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މި ހަފުތާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އައިސީސީގެ ފަޑިޔާރުންނާއި އެކޯޓުގެ އެކިއެކި ތަހުގީގުތަކުގައި ބައިވެރިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ދަތިކުރުމެވެ. މާލީގޮތުންނާއި އެނޫންވެސް ގޮތްގޮތުންނެވެ. އެމެރިކާގައިވާ އެމީހުންގެ ފައިސާއާއި މުދާ ހިފެހެއްޓުމާއި އެމެރިކާއަށް ދަތުރު ކުރުން މަނާކުރުންފަދަ ފިޔަވަޅުތަކެވެ. އައިސީސީއަކީ މަޝްހޫރު ރޯމް މުއާހަދާގެ ދަށުން ގާއިމުކޮށްފައިވާ ދުނިޔޭގެ ޖިނާއީ ކޯޓެވެ. އެމެރިކާއިން މި ކޯޓާ ދެކޮޅަށް މިހާވަރުގަދަ ފިޔަވަޅުތަކެއް އެޅީ ކީއްވެބާވައެވެ. އޮތީ އެންމެ ސަބަބެކެވެ. އެސަބަބަކީ ގާޒާގައި އިޒްރޭލުން ހިންގާފައިވާ ބޮޑެތި ޖަރީމާތައް ތަހުގީގުކުރުމާއެކު އެ ޖަރީމާތަކަށް ޒިންމާވާން ޖެހޭކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރެއް ނެރުމެވެ.

އައިސީސީން ބުނެފައިވަނީ މިފަދަ އަމުރެއް ނެރުނީ ނަތަންޔާހޫއާއި އޭނާގެ ޑިފެންސް މިނިސްޓަރާއި އަދި ސިފައިންގެ ކޮމާންޑަރު އެއްވެސް ޝައްކެއްނެތް މިންވަރަށް މި ޖަރީމާތަކުގައި ކުށްވެރިވާ ކަމަށް ސާބިތުކުރެވޭނެ ހެކި ހުރުމުން ކަމަށެވެ. މި އަމުރެއް ނެރުނީ ހުސްވި 2024 ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ކަމުގައި ޖޯ ބައިޑެން ހުންނެވިއިރުއެވެ. އެކަމަކު އައިސީސީއާ ދެކޮޅަށް ބައިޑެންގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. ފިޔްވަތައް މިއެޅީ ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމަށްފަހުގައެވެ. އެވެސް އަދި ނަތަންޔާހޫ އެމެރިކާއަށް ގޮސް ޓްރަމްޕާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހުގައެވެ. ނަތަންޔާހޫއަކީ ރައީސް ޓްރަމްޕުގެ އައު ދައުރު ފެށުނުފަހުން އެމެރިކާއަށް ޒިޔާރަތްކުރި ދުނިޔޭގެ ގައުމެއްގެ ފުރަތަމަ ލީޑަރެވެ. އެހެންވީމާ އައިސީސީއާ ދެކޮޅަށް ޓްރަމްޕު ފިޔަވަޅުތަކެއް އެޅުއްވީ ނަތަންޔާހޫއާއި އޭނާގެ ސަރުކާރު އުފާކުރުމުގެ ގޮތުންނެވެ.

އައިސީސީއާ ދެކޮޅަަށް ފިޔަވުތައް އެޅުމަށް ޓްރަމްޕު ނިންމެވީ އެކަމަށްޓަކައި އޭނާ ސޮއިކުރެއްވި ރިޔާސީ އަމުރުފުޅަކުންނެވެ. މިމަގުން މިކަން ކުރެއްވުމަށްފަހު ޓްރަމްޕު ވިދާޅުވިއެވެ. މިއީ އެމެރިކާއާއި އެމެރިކާގެ މިތުރުންގެ މަސްލަހަތަށް އަރައިގަތުމަށް ދިމާކުރުމުގެ ބަދަލެވެ. މޮޅިއްޔާ ނިކަން ދެން މިކަހަލަ އަމުރެއް ނެރެބަލާށެވެ. އައިސީސީއަކާހެދި ފޮރުއްޕާކަށް ނެތިއްޖެއެވެ. އެންމެފަހުން އެމެރިކާގެ މިނިވަންކަމާއި އިޚުތިޔާރުގެ އިމުގެ ތެރެއަށްވެސް ވަންނަން ދިމާކުރީއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ހުރަސްއެޅޭ ޒާތުގެ ކަންކަން ކުރަންފެށީއެވެ. އެމެރިކާގެ މިތުރުންނާ ބެހެން ފެށީއެވެ. ނަތަންޔާހޫ އާއި އިޒްރޭލުގެ ވެރިންތަކެއް ހައްޔަރު ކުރުމަށް އައިސީސީން އަމުރެއް ނެރުނީ ހުރި ލަދުވެސް ކުޑަކަމުންނެވެ. މިހާރު ތިބޭނީ ހޭއަރައިފައެވެ. ސީދާ ހަމަ މި އިބާރާތްތައް ބޭނުން ނުކުރެއްވިޔަސް މިމާނަ ދޭހަވާ ގޮތަށް އަދިވެސް ކިތަންމެ ކިތަންމެ ވާހަކަފުޅެއް އައިސީސީއާ ދެކޮޅަށް ޓްރަމްޕު ވަނީ ދައްކަވައިފައެވެ.

އެކަމަކު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އައިސީސީ ބިރުގަނެ ކުޑަކަކޫ މައްޗަށް ތިރިވެއްޖެ ކަމަކަށް ނުވިސްނެއެވެ. ޓްރަމްޕުގެ ނިންމެވުމާއެކު ދުނިޔޭގެ ގައުމުތަކަށް އައިސީސީން ގޮވާލީ ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާއި އިންސާފުގެ ދިފާއުގައި ތެދުވުމަށެވެ. ބާރުގަދަ ގައުމު ބޭނުންވާހައި ގޮތްގޮތަށް ގޮށްމުށުގެ ތެރެއަށް އިންސާފު ލައިގެން ހިތުހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ. އައިސީސީގެ މި އިލްތިމާސް އަމާޒުކުރީ ރޯމް މުއާހަދާގައި ސޮއިކޮށްގެން ތިބި ސަތޭކައަށްވުރެ ގިނަ ގައުމުތަކަށެވެ. މި ލިސްޓުގައި އެމެރިކާޔާއި އިޒްރޭލް ނުހިމެނެއެވެ. އެދެގައުމުން ރޯމް މުއާހަދާގައި ސޮޔެއް ނުކުރެއެވެ. ދުނިޔޭގައި ގިނައީ މި މުއާހަދާގައި ސޮއިކޮށްގެންތިބި ގައުމުތަކެވެ. އޭގެތެރެއިން ވަރަށް ގިނަ ގައުމުތަކުން ވަނީ އައިސީސީގެ އިލްތިމާސް އަޑުއަހައި އިޖާބަދީފައެވެ. އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި ފަރަންސޭސިވިލާތުން ބުންޏެވެ. ހޯހޯއެވެ. ޓްރަމްޕަކަސް ތިޔަ ހައްދަވަނީ ވަރަށް ބޮޑު ގޯހެކެވެ.

އެގައުމުތަކުން ބުންޏެވެ. އައިސީސީއަކީ ބައިނަލްއަގުވާމީ ޖިނާއީ އަދުލުގެ ނިޒާމު ދެމެހެެއްޓުމަށްޓައި ކޮންމެހެންވެސް ހުރުން ލާޒިމު މުއައްސަސާއެކެވެ. އެފަރާތަށް އެންމެންވެސް ދޭންވީ އެއްބާރުލުމާއި އެހީތެރިކަމެވެ. ހިތާނުވެވޭ ނިންމުމެއް އަންނަ ކޮންމެފަހަރަކު ނުކުމެ ކޯޓު ތަޅައިލުމަކީ ޒިންމާދާރު އަދި ތަހުޒީބު ގައުމަކުން ކުރާކަހަލަ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ ދެރަވަރު ވިޔާނުދާ ކަމެކެވެ. މިގޮތަށް ބަޔާންކޮށް ހުކުރުދުވަހު ގުޅިފައިވާ ބަޔާން ނެރުނީ އައިސީސީގެ މެންބަރު 125 ގައުމުގެ ތެރެއިން 79 ގައުމަކުންނެވެ. އައިސީސީގެ ހިމާޔަތުގައި ބަސްބުނެ އައިސީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރު ކުށްވެރި ކުރުމަށް ތެދުވެގަތް ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ އާއި އިޓަލީ ނުހިމެނެއެވެ. ޗެކްރިޕަބްލިކާއި ހަންގޭރީވެސް ނުހިމެނެއެވެ. ޓްރަމްޕު ދެކެ ބިރުން ނުވަތަ ނަތަންޔާހޫދެކެ ބިރުން މިދެންނެވި ގައުމުތައް އަދި އެތިބީ ފަސްޖެހިފައެވެ. ނަތީޖާ އަންނާނެގޮތް ނޭގޭތީއެވެ.

ރައީސް ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރުގެ ސަބަބުން އައިސީސީއަށް ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކީ އައިސީސީގެ ތަހުގީގުތަކަށް އެއްބާރުލުންދީ މައުލޫމާތު ދިނުމަށް މީސްތަކުން ޖެހިލުންވުމެވެ. ހެކިވެރިންގެ ގޮތުގައި ހެކިބަސްދޭން ޖެހިލުންވުމެވެ. މިއީ އައިސީސީގެ މަސައްކަތަށް އެޅޭނެ ވަރަށްބޮޑު ހުރަހެކެވެ. އެމެރިކާއަށް ދާން ވިސާ ނުލިބިދާނެތީ ކަންބޮޑުވާ ބަޔަކު ނެތެވެ. ކަންބޮޑުވަނީ ހެކިވެރިންނާމެދު އަމަލުކޮށްފާނެ ގޮތަކާ މެދުގައެވެ. ކޮންމެއަކަސް ޓްރަމްޕުގެ މި ނިންމެވުން ކުށްވެރިކުރުމުގެ އަޑުތައް ދުނިޔޭގެ ހަ ބިތުން އިވެމުންދާއިރު ޓްރަމްޕަށް ސަނާކިޔައި ސާބަސް ދީފައިވަނީ އެންމެ ގައުމަކުންނެވެ. އެ ގައުމަކީ އިޒްރޭލެވެ. އިޒްރޭލުގެ ޚާރިޖީވަޒީރު ބުންޏެވެ. ސާބަހެވެ. ލީޑަރުން ތިބޭނީ ތިޔަހެންނެވެ. ތިޔައީ ފިސާރި ލީޑަރެކެވެ. ތިޔަ ލީޑަރަށްޓަކައި އިޒްރޭލް ފަޚުރުވެރިވަމެވެ. ޓްރަމްޕަށް ސާބަސްދީ ތައުރީފު ކުރުމުގެ ގޮތުން މިޒާތުގެ އަދިވެސް ކިތަންމެ ވާހަކައެއް އޭނާ ދެއްކިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟