ދުނިޔެ

އުޑުމަތިން ވިދާލި މަންޒަރާއެކު ފެނުނީ ފްލައިޓެއް މޫދަށް ވެއްޓި ގޮވިތަން: އިންޑޮނޭޝިއާގެ މަސްވެރިއެއް

މުހައްމަދު އައުޒަމް

އިންޑޮނޭޝިއާގެ ޖަކާޓާ އިން ޕޮންޓިއަނަކް އަށް ދަތުރު ކުރަމުންދިޔަ ފްލައިޓް ރާޑަރުން ގެއްލުމާއެކު ފްލައިޓު ހޯދުމުގެ މަސައްކަތް އެގައުމުން ފެށިއެވެ.

ސްރީވިޖާޔާ އެއާގެ ފްލައިޓް "އެސްޖޭވައި 182" އެންމެފަހުން ރާޑަރަށް އަރާފައިވަނީ ކަނޑުގެ ސަރަހައްދުން ކަމަށް ވުމާއެކު ފްލައިޓު ހޯދުމުގެ މަސައްކަތަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެގެންދިޔައެވެ. ފްލައިޓު ހޯދުމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން، ސަރަހައްދުގެ މަސްވެރިޔަކު ވަނީ އޭނާ އަށް ފްލައިޓު ވެއްޓުނު ތަން ފެނުނު ކަމަށް ބުނެ އެވާހަކަ މީޑިއާއާ ހިއްސާ ކޮށްފައެވެ.

ސޯލިހީން ނަމަކަށް ކިޔާ އެމަސްވެރިޔާ ބުނީ އެމީހުންނަށް ފެނުނީ އުޑުމަތިން ކުއްލިޔަކަށް ވިދާލިތަން ކަމަށެވެ. ވިއްސާރަ ވުމުން އެއީ އާދައިގެ ވިދާލުމެއް ކަމަށް ހީކުރި ނަމަވެސް ދެން ފެނުނީ ބޮޑު މަތިންދާބޯޓެއް ވެއްޓުނު މަންޒަރު ކަމަށް ސޯލީހިން ބުނެ އެވެ.

ސޯލިހީން ބުނީ ފްލައިޓު މޫދުގައި ޖެހުމާއެކު ގޮވި މަންޒަރު އޭނާއަށް ފެނުނު ކަމަށާއި ފްލައިޓުގެ ބައިތަކެއް އެމީހުން ދަތުރު ކުރި ބޯޓުގައި ޖެހުނު ކަމަށެވެ. ސޯލިހީން ބުނީ އެމީހުން ދަތުރުކުރި ބޯޓުގެ ކައްޕި ބޭނުންވީ އަވަހަށް އަނބުރާ ރަށަށް ދިއުމަށް ކަމަށެވެ. ރަށަށްގޮސް އެމީހުންވަނީ އެމައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

ސްރީވިޖާޔާ އެއާގެ ފްލައިޓް ވެއްޓުނު ސަރަހައްދުގެ ގިނަ މަސްވެރިން ވަނީ އެމީހުންނަށް ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާކަމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކޮށްފައެވެ.

އިންޑޮނޭޝިއާގެ ނޭވީ އިން ވަނީ ފްލައިޓު ވެއްޓުނު ސަރަހައްދު ހޯދިފައިވާ ކަމަށާއި ރެސްކިއު ޓީމުތަކާއި ޑައިވަރުން އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.