ރާއްޖޭން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހިންގާ ހަތް ވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައިފަ އެވެ.
މިރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ހުވާ ލައިދެއްވީ ކޯސްޓްގާޑް ޓްރޭނިންގ ސްކޫލްގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ރިޒްމީ ވަލީދެވެ. އަދި ދަރިވަރުންނަށް ހުވާ ލައިދެއްވީ މި ކޯހުގެ ކޯސް އޮފިސަރު ކެޕްޓަން ޔޫސުފް ނިޝާރެވެ. މިކޯހުގެ އެގްޒެކެޓިވް އޮފިސަރަކީ ފަސްޓް ލެފްޓިނަންޓް އާސިފް ހާރޫނެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ކޯސް ކުރިއަށްދާނީ މިމަހުގެ 14 އިން ފެށިގެން16 ހަފުތާގެ މުއްދަތަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގގެ ތާރީހާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިން އާއި ޑައިވިންގ އޮޕަރޭޝަން ގައި ޑައިވް އިކްއިޕްމަންޓްސް އެންޑް އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެއެވެ.
އެގޮތުން ނޭޕާލް އާމީގެ ސިފައިންގެ މީހަކާއި އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ މީހެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ މީހަކު ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެ އެވެ.